ސެޕްޓެމްބަރުގައި ގުޅީ ބިން ހިއްކަން ފަށަނީ

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ. ގުޅީގެ ބިން ހިއްކަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަ...

13 Jul 2023 | 09:29

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ. ގުޅީގެ ބިން ހިއްކަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ގުޅީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ރަށްރަށް އޮތީ އަސާސީ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.

އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ބަނދަރު، ސިއްހީ ހިދުމަތް ހިމެނޭ ކަމަށާއި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކަށް އޭރު ވަނީ ދަތި އުނދަގޫވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހާލަތުގާ އޮއްވާ އެމްޑީޕީން2018 ވަނަ އަހަރު ވެރިކަމަށް އަރައި އަސާސީ ހިދުމަތްތައް ދޭން ފެށިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިމަތިވި ދަތިތަކާއި ކޮވިޑްގެ އާލަމީ ވަބާއާއެކުވެސްު ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން މިއަދު އަމާން ބަނދަރަކަށް އާދެވިފައި ވާކަމަށެވެ.

ގުޅިއަކީ މާލެއާ ކައިރީގައި އޮތް ރަށަކަށްވީ ނަމަވެސް އާބާދީ ކުޑަވުމުން އަޅާނުލާ އޮތް ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ގުޅިއަށް އިސްކަމެއް ދިނީ އެހެންވެގެން ކަމަށެވެ.

ކުރިންވީ ވައުދާ އެއްގޮތަށް ގުޅީގާ މިއަދު ހުރި ފެން ބޯން ކަމުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅިއަށް އޭރު ވީ ވައުދާ އެއްގޮތަށް ކަންކަން ކޮށްދެމުންދާ ކަމަށާއި، އެގޮތުން ގުޅީގެ ބިން ހިއްކަން ބަޔަކާ ހަވާލު ކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބިން ހިއްކުމުގެ އަމަލީ ގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ގުޅީ ރައްޔިތުން އެދުނު ފަދައިން އޭޓީއެއްމެގެ ހިދުމަތް ދިނުމަށް ލިސްޓުކޮށްފައިވާ ލިސްޓުގެ އެންމެ ކުރީގައި ގުޅި ހިމެނޭނެ ކަމަށާއި ގުޅީގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީ ގާއިމު ކުރުމާއި، ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް