ފަނޑިޔާރު ރަފީޢުއްދީން ހަތް ދުވަހަށް ސަސްޕެންޑުކޮށްފި

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ރަފީޢުއްދީން އަޙްމަދު ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފިއެވެ. ފަނޑިޔާރު ސަސްޕެންޑުކޮށްފައިވަނީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައ...

13 Jul 2023 | 04:38

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ރަފީޢުއްދީން އަޙްމަދު ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފިއެވެ.

ފަނޑިޔާރު ސަސްޕެންޑުކޮށްފައިވަނީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީއަތުން ބުނެ، ޙުކުމްކޮށްފައިނުވާ ކަމާއި، މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކޮށް، އެއަށްފަހު ޙުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ޙުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ޙުކުމްނުކޮށް ވަނިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަޙްޤީޤަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން އޮންނާތީ ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނެފައިވާގޮތުގައި ފަނޑިޔާރު ރަފީޢުއްދީން އަޙްމަދުގެ މި ޢަމަލަކީ،  ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 6.2 ވަނަ ނަންބަރާއި 6.4 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލެކެވެ.

އެހެންކަމުން މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވުނު ޖޭއެސްސީގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާކަމުގައި ޖޭއެސްސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް