ލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ޕީޕީއެމް އިން ސަރުކާރަށް ގޮވާލައިފިއެވެ.
ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ލަންކާގެ ރައީސް ފިއްލަވައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ޕީޕީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަޙައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއިވެސް އެކުކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންވެ، މިކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް ވެސް ވަނީ ގޮވާލާފައެވެ.
"މިޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާއެކު، މިކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖަވާބުދާރީވުމަށް ގޮވާލަމެވެ." ޕީޕީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.
ލަންކާ ރައްޔިތުންގެ ވިންދާއި އިޙުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ޢަމަލުކޮށް އެޤައުމުގެ ރައީސް އަށް ޙިމާޔަތް ދިނުމުގެ ސަބަބުން އެޤައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، މާރިޔާ އަޙްމަދު ދީދީ އާއި ޢަބްދުﷲ ޝަމާލާއި، ޢަބްދުﷲ ޝާހިދު ނަންގަވާ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް