މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއިލަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިސްރާއީލުގެ އޮފިޝަލުންނާއެކު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުން ބޭއްވުމަށް ނިންމާފައިވަނީ އިސްރާއީލުގެ ބެން ގުރިއޮން އެއަރޕޯޓުގައެވެ.
ރައީސް ބައިޑްން އިސްރާއީލަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައިވަނީ އިސްރާއީލުގެ ރައީސް އައިސާކު ހާރޒޮގްއާއި އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ޔައިރު ލަޕިޑްއެވެ.
ހަތަރު ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ފަލަސްތީނާއި ސައުދީ އަރަބިއާ އާއެކީވެސް ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ފަލަސްތީނުގެ ރޮކެޓް ހަމަލާތަކުން ރައްކާތެރިވުމަށް އެމެރިކާގެ އެހީގައި ގާއިމްކޮށްފައިވާ އަޔަން ޑޯމް އާއި ބީމް އެއަރ ޑިފެންސް ސިސްޓަމާއި ގުޅޭ ތައާރަފެއް ބައިޑްންއަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖެރޫސެލަމްއަށް ޒިޔާރަތް ކުރައްވާ، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމާއިގެ ހޮލޯކޯސްޓް ހަދާނީ ބިނާގައި މާ ބޮނޑިއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައިޑްން ޖެރޫސެލަމްގައި ހޭދަކުރައްވާ ދެ ދުވަހުގައި އިސްރާއީލުގެ ލީޑަރުންނާއި ބައްދަލު ކުރެއްވުމަށްފަހު، ހުކުރު ދުވަހު ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް