ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާންގެ އެޕާޓްމެންޓާއި ރޮލެކްސް ގަޑި ދައުލަތަށް ނަގައިދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް ބުނެފި އެވެ.
މިދިޔަ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭ ގޮތަށް ހަ ދައުވާއެއް އުފުލާފައިވެއެވެ. މިއަދަށް އެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ދައުލަތަށް ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި ހިމެނޭ ނިހާން ގަތް ރޮލެކްސް ގަޑިއާއި އެޕާޓްމަންޓްގެ އަގަށް 70،745،291 ރުފިޔާ އަރާ ކަމަށެވެ.
https://twitter.com/HuShameem/status/1414845355200598016
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތު ނިހާންގެ މައްޗަށް ކުރެވޭއިރު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.
އަދި، ނިހާންއަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑިންގެ ދައުވާ އާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް