އޭޖީގެ މަގާމަށް ނިޔާޒީ އައްޔަން ކުރައްވައިފި

އޮޑިޓާރ ޖެނެރަލް (އޭޖީ)ގެ މަގާމަށް ހުސައިން ނިޔާޒީ އައްޔަން ކުރައްވައިފި އެވެ. ހުސައިން ނިޔާޒީގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ 30...

13 Jul 2021 | 09:48

އޮޑިޓާރ ޖެނެރަލް (އޭޖީ)ގެ މަގާމަށް ހުސައިން ނިޔާޒީ އައްޔަން ކުރައްވައިފި އެވެ.

ހުސައިން ނިޔާޒީގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެމަގާމަށް އައްޔަންކުރަން ނިޔާޒީގެ ނަން މަޖިލީހަށް ފޮނުވީ އެމަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުން އެ މަގާމުގައި ބޭފުލަކު ނެތުމުންނެވެ.

އޭނާ އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިޔާޒީއަށް މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް ޞާލިހް އެވެ. އޭޖީގެ މަގާމަށް އައްޔަންކުރުމާއި ހަމައަށް ނިޔާޒީ ހުންނެވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެމްބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެ ކުރިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯ ޔުނިވާސިޓީ އިން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވައިފަ އެވެ.

ނިޔާޒީ އަކީ އޮޑިޓާ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަގާމާއި، އޮޑިޓް މެނޭޖަރުކަމުގެ މަގާމް އަދި އެސިސްޓަންޓް އޮޑިޓަރުކަން ހިމެނެ އެވެ. މީގެ އިތުރުން އޭނާ އަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ.

ނިޔާޒީއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގް ކޮމިޓީގެ ޗެއާޕާސަން ވެސް މެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް