ޖޭޕީގެ ދުވަސް ގާސިމް ފަށަނީ އިރުޝާދީ މެސެޖަކުން!

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާޙިމް އެ ޕާޓީގެ ދުވަސް ފަށަނީ "ގުޑް މޯނިން" މެސެޖުންކުން ނުވަތަ އިރުޝާދީ މެސެޖަކުންކަން ހާމަވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ރޭ ”ސަން...

13 Jul 2021 | 09:22

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާޙިމް އެ ޕާޓީގެ ދުވަސް ފަށަނީ "ގުޑް މޯނިން" މެސެޖުންކުން ނުވަތަ އިރުޝާދީ މެސެޖަކުންކަން ހާމަވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ރޭ ”ސަންގު ޓީވީ“ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ޕާޓީގެ މެމްބަރުންނަށް "ގުޑް މޯނިން" ނުވަތަ އިރުޝާދުގެ މެސެޖެއް ފިޔަވާ އިތުރު ވާހަކައެއް ޕާޓީގެ މެމްބަރުންނާއި ޤާސިމް ނުދައްކަވާ ކަމަށެވެ. ނުވަތަ ޖޭޕީގެ ގުރޫޕުތަކަށް ވެސް ކަންބޮޑުވެގެން މެސެޖެއް ނުފޮނުވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް ވުޖޫދުވުމާއި ގުޅިގެން ޕާޓީން މެމްބަރުން މަދުވެދާނެތޯ؟" މި މަޢުޟޫއަށް ރޭ ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ މެމްބަރު ނާޒިމް އާއި ރިޔާޒް އެ ޕާޓީ ދޫކޮށް ދިޔައީ ރީތި ގޮތުގައި ނޫން ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަށް ވެސް އަމިއްލަ ސިޔާސީ ޕާޓީއެއް ހެދުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަން ކުރީ ހަޑިކޮށް ކަމަށެވެ.

ސައުދު ވިދާޅުވީ، ކަމާއި ގުޅިގެން ޕާޓީގެ ލީޑަރުގެ ކަންބޮޑުވުމެއް ނެތް ކަމަށާއި މިކަމާއި ގުޅޭ އެއްވެސް ވާހަކަ އެއް ވެސް ޤާސިމް އިބްރާހިމް ދައްކަވާފައި ނުވާކަމަށެވެ. މިކަމަކީ ޤާސިމް އަކަށް މާ ބޮޑު ކަމެއް ނޫން ކަމަށާއި ޤާސިމްގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އެންމެ އިތުބާރު ކުރެއްވި އެކަކީ މެމްބަރު ނާޒިމް ކަމަށާއި އެހެންނަމަވެސް މިފަދައިން ކަންކުރުމަކީ އެބޭފުޅުންނަށް ކުރި އިތުބާރު ގެއްލިގެން ދިޔަ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް