އިރާގު ހޮސްޕިޓަލެއްގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ވޯޑެއްގައި އޮކްސިޖަން ޓޭންކެއް ގޮވާ 44 މީހުން މަރުވެ 67 މީހުން ޒަޚަމްވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންގާރަ ވިލޭރޭ މެންދަމު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގައި ހުންނަ އަލް ހުސައިން ހޮސްޕިޓަލްގައެވެ.
މި އަލިފާނުގެ ހާދިސާ ހިނގި ވޯޑަކީ 70 އެނދުގެ ވޯޑެކެވެ.
އަލް ހުސައިން ހޮސްޕިޓަލުން ބުނީ، އަދިވެސް މީހުން ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ދުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.
"ރޮއިޓާސް" އިން ބުނާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދިވެސް ވަރަށް ގިނަ ބަލި މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ. އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލްގެ ދެމުވައްޒަފަކު ވެސް ހިމެނެއެވެ.
ކޮވިޑަށް ފަރުވާދޭ އެ ވޯޑްގައި އަލިފާން ރޯވި ނަމަވެސް އެހެން ވޯޑްތަކަށް އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން އަލިފާން ވަނީ ނިއްވާލާފަ ކަމަށާއި، ހޮސްޕިޓަލްގައި މިހާރު ވެސް ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އަލް ހުސައިން ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ހާދިސާ ހިނގި ހޮސްޕިޓަލް ކައިރިއަށް ގިނަ ބަޔަކު އެއްވެ ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނުރުހުން ފާޅުކުރަމުންދާ މީހުން ބުނާ ގޮތުގައި މިފަދަ ހާދިސާތައް ހިނގަނީ ކޮރަޕްޓް ވެރިންގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް