ރައީސް ނަޝީދު: އެންމެ ފަހުން ބެސްޓްފްރެންޑަށް ދޯކާ ދީ، އެންމެ ބޮޑު ހަތުރުގެ އަރިހަށް!؟

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަކީ ފާޑެއްގެ އެއްޗެކެވެ. މަންޒަރު ބަދުލުވާލެއް އަވަސްކަމުން ބަލަން ތިބޭ މީހުންނަށް ވާނުވާ ނޭނގޭހާ ވެސް ވެއެވެ. ނޫނީ، އެންމެ ހީނުކުރާ ގޮތަށް ވެސް ރާއްޖޭގެ ސިޔާސީ އޮއިވަރު ބ...

13 Jul 2021 | 05:25

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަކީ ފާޑެއްގެ އެއްޗެކެވެ. މަންޒަރު ބަދުލުވާލެއް އަވަސްކަމުން ބަލަން ތިބޭ މީހުންނަށް ވާނުވާ ނޭނގޭހާ ވެސް ވެއެވެ. ނޫނީ، އެންމެ ހީނުކުރާ ގޮތަށް ވެސް ރާއްޖޭގެ ސިޔާސީ އޮއިވަރު ބަދަލުވެދާނެއެވެ. ސިޔާސީ ލީޑަރުންނޭ މިކިޔާ ވެރިންގެ ހިޔާލާއި ފިކުރު ވެސް ބަދަލުވަނީ މި ދެންނެވި ބީދާއިންނެވެ. އެންމެ ނުރައްކާ ދުޝްމިނުން ވެސް އެންމެ ގާތް މީހުންނަށް ވެދާނެއެވެ. ނޫނީ ގާތް މީހުން ހަތުރުންނަށް ވެދާކަށް މާ ލަސްތަކެއް ނުވެދާނެއެވެ، ކުރާނީ ކީއްތޯއެވެ. އެއީ ވެސް އިންސާނުންނެެވެ. ކަމަކީ އިންސާނީ ޠަބީޢަތުގައި ވާ ކަމެއް ކަމީ ދެބަސް ވެވެން ނެތް ހަގީގަތެވެ.

މިހާރު އެންމެ ގަދަޔަށް ދެކެވެމުން ދާ އެއް ވާހަކައަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު (އިބޫ)އާ ކުށްލިއަކަށް ފިކުރު ދިމާނުވެގެން އުލޭ ވާހަކައެވެ. ނަޝީދު ވިދާޅުވަނީ، ކުޑައިރުން ސުރެ އެންމެ ގާތް އެކުވެރިޔާ، އިބޫއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މަންފާއެއް ހޯދުމަށް ބެސްޓްފްރެންޑް (އެންމެ ގާތް އެކުވެރިޔާ) ދޫކޮށްލަނީ؟

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު އިއްޔެ ފޮނުވި މެސެޖަކުން ގިނަ ބަޔަަކަށް ސިހުން ގެނުވިއެވެ. މެސެޖުގައި ވިދާޅުވީ ރައީސް ޞާލިހާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށެވެ. އެކަމަކު ފިކުރީ ގޮތުން ރައީސްއާ މިހާރު ހިޔާލުތަފާތުވެވަޑައިގެންފައިވާ ކަަމަށް ވިދާޅުވި އެވެ. "އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ،" ނަޝީދު ވިދާޅުވި އެވެ. "އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް." ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ރައީސް ޞާލިހާއެކު ހުރެވެން ނެތް ކަމަށެވެ.

ދެން ވިދާޅުވީ މިކަމާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށެވެ. އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ ވިދާޅުވި ހެޔޮކޮށެވެ. އެމްޑީޕީ މެމްބަރުން އެންމެ ނަފުރަތުކުރާ އެކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެންކަމުން ނަޝީދުގެ މި ނިންމުމަކީ އެ ބޭފުޅުންނަށް "ޓޯލަރޭޓްލުރަން" އުނދަގޫ ކަމަކަަށް ވެދާނެއެވެ. ނަޝީދު އެ ކޮށަނީ ބައިބައިވެފައި އޮތް އެމްޑީޕީ އިތުރަށް ބައިބައިކުރާނެ މަގެއްކަމަށް ސިޔާސީ މަޝްރަޙު ދިރާސާކުރާ ތަޖުރިބާކާރުން އިއްތިފާޤުވެއެވެ.

ރައީސް ޞާލިހަކީ އެންމެ ނުފޫޒުގަދަ ރައީސް، އެމްޑީޕީގެ ބާރު ނަޝީދަށް ގެއްލިދާނެ؟

މިހާރު އުފެދޭ ސުވާލަކީ ރައީސް ޔާމީންނާއެކު ސިޔާސީ މަސައްކަތް ކުރަން ނަޝީދު ހިފައިފި ނަމަ އެމްޑީޕީގެ ތެރެއިން އެމަނިކުފާނަށް އޮތް ތާއީދު ގެއްލިދާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. މިހާރު ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ގަދައީ ރައީސް ނަޝީދަށް ވުރެ ޞާލިހެވެ. މިއީ ގިނަ ބަޔަކަށް އެނގޭ "ބޮޑު ސިއްރެކެވެ". އެމްދީޕީގެ މެމްބަރުންގެ ހިތުވިންދާ ދެކޮޅަށް ޔާމިންއާ ގުޅިވަޑައިގެންފި ނަމަ ނަޝީދަށް އެމްޑީޕީގެ ތެރެއިން އެތައް ބައެއްގެ ތާއީދު ގެއްލޭނެއެވެ. މިއީ ސިޔާސީ މަޝްރަހުގައި މީގެ ކުރިން ވެސް ކަން ހިނގާފައި ހުރި ގޮތެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ މީހަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ރީކޯ މޫސާ މަނިކު (ރީކޯ) ވެސް އެއްބަސްވެއެވެ. މޫސަ ވިދާޅުވީ، މިއީ މިހާރު ސީޔާސީ ދާއިރާގެ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެއް ކަމަށެވެ. ކޮންމެ ފާޑުކިޔުމެއްވެސް ރައީސް ޞާލިޙާ ހިސާބުން ނިމޭ ސަބަބަކީ މިއީ ކަމުގައި މޫސަ ވިދާޅުވިއެވެ. އެގޮތުން ބަޔަކު ޕާޓީއެއް ހެދިޔަސް، އަމިއްލަޕާޓީ ތެރެއިން "ބޮޑާހޭކިޔަސް"، އަދި އިދިކޮޅުން ރައްދެއްދިނަސް އަމާޒުވަނީ ހަމަަ ރައީސް ޞާލިޙާ 2023ގެ ރިޔާސީ އިންތިޚާބާ އަޅުވާފައިކަމަށް މޫސަ ވިދާޅުވިއެވެ.

ނަޝީދު ބޭނުންވަނީ ބޮޑުވަޒީރުކަން، ހުރީ އަމިއްލަ އެދުމުން ފޯވެފައި!

ކޮންމެއަކަސް އެންމެ ގާތް އެކުވެރިޔާ ދޫކޮށް އެންމެ "ނުރައްކާ" ދުޝްމަނުގެ ގާތަށް ދާނީ ވަރުގަދަ އަމިއްލަ އެދުމެއް އޮތީމައެވެ. އެކަން ވަރަށް ސާފެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަން ހާސިލުކުރެއްވުމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާ އެކުގައި މަސައްކަތް ކުރައްވަން ވެސް ނަޝީދު ހުންނެވީ ތައްޔާރަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން އަންނަނީ ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކަމާއި އެ ބަދަލު އިރާދަކުރެއްވިޔާ ގެނެވޭނެ އެވެ. ގާނޫނު އަސާސީ އެގޮތަށް އިސްލާހުކުރުމަށް އިދިކޮޅު ލީޑަރުގެ ތާއިދު ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނަޝީދަށް އެބަ އޮތެވެ.

ނިޒާމް ބަދަލުކުރަން ނަޗީދު ރައީސުލްޖުމްހޫރިއްޔާގެ އަރޮހުގައި ވެސް އެދިވަޑައިގަތެވެ. ބޮޑަށް ބެލެވެނީ އެމަނިކުފާނުގެ ފަރާތުން އެކަމަށް މާ ބޮޑު އިޖާބައެއް ލިބިވަޑައިނުގެންނެވީހެންނެވެ. އާންމު ފޯރަމެއްގައި ރައީސުލްޖުމްހޫރިއްޔާ މިހާ ތަނަށް ނިޒާމް ބަދަލުކުރަން ތާއިދުކޮށްފައެއް ވެސް ނުވެއެވެ. ފިކުރު ތަފާތުވާ ހިސާބަކީ މިއީ ކަމަށް ވެދާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ "ފޯކަސް" ހުރީ ވައުދު ފުއްދުމަށެވެ. ނަމަވެސް ނަޝީދުގެ "ފޯކަސް" ހުރީ ބަރުލަމާނީއާ ދިމާލާށެވެ. އަމިއްލަ އެދުމެއް އޮތަތީ މިއަދު އެހުންނެވީ އެންމެ ގާތް މީހާއާ ވަކިވެ ހަތުރަކާ ގުޅެން ވެސް ތައްޔާރަށެވެ.

ނަޝީދުގެ ފަހަތަކަށް ޔާމީނެއް ވެސް ޕީޕީއެމެއް ވެސް ނާރާނެ!

އިބޫ ދޫކުރައްވައި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަމަށް ނަޝީދު އެދިވަޑައިގަތަސް އެ ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީން ބުނެއެވެ. އެ ޕާޓީގެ "ޝައިގެއް" އެ ކަމަކަށް ނެތެވެ. އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ރައީސް ނަޝީދު ކޮންމެ އެެއްޗެއް ވިދާޅުވިޔަސް ޕީޕީއެމް ކުރިއަށް ދާނީ ޕީޕީއެމްގެ ފިކުރުގައި ކަމަށެވެ. ރައީސް ނަޝީދުގެ ފަހަތަަކަށް ޕީޕީއެމެއް އަދި ލީޑަރ ޔާމީނެއް ވެސް ނާރާނެ ކަމަށެވެ.

ދެން ވާ އެއްޗެއް ބަލަމާ ހިނގާށެވެ. އޮތް ގޮތަކީ ކުޅިބަަލަން ތިބުމެވެ، ހަމަ ޔަގީނުން ވެސް ގެންދަވާނީ ދައްކަވަން ހުރި ތަނެއް ވިއްޔާ ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް