ކުއްޔަށް ދޫކުރާ ޕާކިންގް ޒޯންތަކާއި މާރުކޭޓް ގޮޅިތަކަށް އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ޖެހިއްޖެނަމަ ގުރުއަތުލާނީ ޓީ.ވީ. އިން ލައިވްކޮށްގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން މާރުކޭޓް ގޮޅިތަކާއި އަދި ޕާކިންގް ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް ޢާއްމުކޮށް އިޢުލާންކޮށްފައި ވަނިކޮށް، މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިންގް ސްލޮޓްތަކާއި މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 ވަނަދުވަހުގެ ނިޔަލަށް އަގުދީގެން 4 ފުރޮޅުލީ އުޅަނދު ޕާކްކުރާ ޕާކިންގް ސްލޮޓްތަކަށް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. 211 ޕާކިންގް ޒޯން ދޫކުރުމަށް ހުޅުވާލާފައިވާއިރު މީގެތެރޭގައި މަގުތަމީގެ ޕާކިންގްތައްވެސް ހިމެނެއެވެ.
ގުރުއަތުލައިގެން ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ޖާގަތަކަށް އެދެވޭނީ 350 ކިލޯއިން ދަށުގެ ޕިކަޕަށާއި ކާރާއި ވޭނަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މި ޖުލައި މަހުގެ 10 ވަނަ ދުވަހު އެ ކައުންސިލުން ވަނީ މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް އިޢުލާންކޮށްފައެވެ. މިކަން ޢާއްމުކޮށް ހުޅުވާލައި ކުރި އިޢުލާންގައިވާގޮތުން ގޮޅި ކުއްޔަށް ދޫކުރަނީ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓުންނެވެ. މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ.
މި ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލަނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓް ދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ރަސްމީ ޢާއްމު ޖަލްސާގައި ފާސްކުރި ” މާރުކޭޓްތައް ކުއްޔަށް ދިނުމާބެހޭ އުސޫލު ” އެ ކައުންސިލްގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް