ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމާއި ގުޅިގެން ނެޝަލަން ސެކިއުރިޓީ ކައުންސިލާއި ހިއްސާކޮށްފިއެވެ.
ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މި ކަންކަން އިސްލާހު ކުރުމުގައި އަމަލުކުރާނީ ކިހިނެތްތޯ އާއި، މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި ވަނީ މަޝްވަރާކޮށްފައެވެ.
އިންކުއަރީ ރިޕޯޓް ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ވެސް ވަނީ އަރުވައިފައެވެ. އިއްޔެ ރައީސް ސޯލިހާ ރިޕޯޓް ހިއްސާކުރެއްވުމުން އެމަނިކުފާނު ވަނީ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެމްއެންޑީއެފްއިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓް ރައީސް ސޯލިހަށް އާދިއްތަ ދުވަހު އަރުވާފައިވާއިރު، ބުރާސްފަތި ދުވަހުގެ ހަވީރު އެ ރިޕޯޓް ވަނީ އާންމުންނަށް ފެންނާނެ ހެން މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމުކޮށްފައި ވަނީ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާ ހުންނާނެ ކަމަށް އިދާރާތަކުން ފާހަގަކޮށްފައިވާ މައުލޫމާތު އުނިކުރުމަށް ފަހުގައެވެ.
ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އާންމު ކުރީ ރިޕޯޓްގެ 236 ސަފްހާއެވެ. ރިޕޯޓްގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް