ޕީޕީއެމް އެދޭކޮޅަށް ވޯޓުލައިގެން ހިމާޔަތް ކުރާނެ ގޮނޑިއެއް ނެތް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިލްހާމް މިހެން ވިދާޅުވީ މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ތަމްސީލް ކުރައްވާ ޕާޓީއަކުން ވަކިވެ، ޕާޓިގެ ނިންމުމާއި ހިލާފަށް ވޯޓު ލައިފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
މިރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިލްހާމް ވިދާޅުވީ ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ކަނޑައެޅިޔަސް ހުންނެވީ ސާބިތުކަމާއި އެކު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ވޯޓު ދެއްވާނީ ދެކޮޅަށް ކަމަށެވެ.
އިލްހާމް ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި ދެކޮޅަށް އެއްޗެއް ވިދާޅުވާން ބޭނުން ނުވިޔަސް އެ ހުކުމަކީ ރަނގަޅު ހުކުމެއް ނޫންކަމަށެވެ.
އިތުރަށް ވިދާޅުވީ ޕީޕީއެމްގައި ގަދަކަމުން ހިފަހައްޓާފައި ވަނިކޮށް ދެކޮޅަށް ވޯޓު ލައިގެން ގޮނޑި ގެއްލިއްޖެ ނަމަ އަލުން ދަނގެތީ ދާއިރާއަށް ކުރިމަތި ލައްވާ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރެއްވުމަށް މަސީހާ ދެކޮޅަށް ވޯޓުލުމަށް ޕީޕީއެމްއިން ވަކިވާން ނިންމި ހުރިހާ މެންބަރުންވެސް އަލުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ 10 މެންބަރަކު ސޮއި ކުރެއްވި އެވެ. އެ ހުރިހާ މެންބަރުން ޕީޕީއެމްއިން ވަކިވާން އެދިވަޑައިގެން ސިޓީ ފޮނުވުމުން ޕީޕީއެމްއިން އެ މެންބަރުން ވަކިކޮށްދޭން ވަނީ ދެކޮޅު ހަދާފައި އެވެ. ޕީޕީއެމްއިން ބުނީ އެ މެންބަރުންނާއި ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ޕާޓީން ވަކި ކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް