ގޮނޑި ގެއްލުނަސް ވޯޓު ދޭނީ މަސީހާއި ދެކޮޅަށް: ސިނާން

ޕާޓީގެ ނިންމުމާއި ދެކޮޅަށް ވޯޓުލައިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލުނަސް ވޯޓު ދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް ކަމަށް މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބ...

13 Jul 2017 | 15:24

ޕާޓީގެ ނިންމުމާއި ދެކޮޅަށް ވޯޓުލައިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލުނަސް ވޯޓު ދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް ކަމަށް މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު ވިދާޅުވެއްޖެ އެވެ.

ސިނާން މިހެން ވިދާޅުވީ މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ތަމްސީލް ކުރައްވާ ޕާޓީއަކުން ވަކިވެ، ޕާޓީގެ ނިންމުމާއި ހިލާފަށް ވޯޓު ލައިފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިނާން ވިދާޅުވީ ކޯޓުން އެގޮތުން ހުކުމް ކުރިނަމަވެސް އޭނާ ހުންނެވީ ސާބިތުކަމާއި އެކު އިސްލާހަށް މަސައްކަތް ކުރެއްވުމަށް ނިންމައިގެން ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ވެސް މަސައްކަތް ކުރައްވާނީ ދާއިރާގެ ރައްޔިތުން އެދޭގޮތަށް ގައުމަށްޓަކައި ގާނޫނު އަސާސީ ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.

ސިނާން ވިދާޅުވީ ކޯޓަކުން ކުރާ ހުކުމަކުން އޭނާގެ ނިންމުން ދެން ބަދަލު ނުކުރައްވާނެ ކަމަށެވެ. އަދި ޕީޕިއެމްގެ ނިންމުންތަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ 10 މެންބަރަކު ސޮއި ކުރެއްވި އެވެ. އެ ހުރިހާ މެންބަރުން ޕީޕީއެމްއިން ވަކިވާން އެދިވަޑައިގެން ސިޓީ ފޮނުވުމުން ޕީޕީއެމްއިން އެ މެންބަރުން ވަކި ކޮށްދޭން ވަނީ ދެކޮޅު ހަދާފައި އެވެ. ޕީޕީއެމްއިން ބުނީ އެ މެންބަރުންނާއި ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ޕާޓީން ވަކި ކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް