ގައުމު އިސްލާހު ކުރަން ކުރާ މަސައްކަތުގައި ގޮތެއް ނިންމުމުގައި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭ އިދިކޮޅު މަޖިލީސް މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނުން ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގައި ބައިވެރިވީ އިސްލާހަށް ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބު ނުވުމުން ކަމަށެވެ. އެގޮތުން ދޮޅު މަހެއްހާ ދުވަހު ގޮތެއް ނުނިންމާ ކަންކަން އިސްލާހުވޭތޯ ހުންނެވި ކަމަށް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށާއި މަސީހުއަށް ކަންކަން އިސްލާހު ކުރުމަށް ފުރުސަތުތަކެއް ދެވުނު ކަމަށެވެ. އެކަމަކު އެއްދުވަހުން އަނެއް ދުވަހަށް ގާނޫނާއި ފުށުއަރާ ކަންކަން މަޖިލީހުގެ ތެރެއިން ހިނގުން އިތުރުވަމުންދާން ފެށި ކަމަށް އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު ހަމަ މަގަށް އަޅުވާ އިސްލާހު ކުރެވޭނީ މަސީހު މަގާމުން ދުރުކޮށްގެން ކަމަށެވެ. އެއްވެސް ހަލެއްގައި މަސައްކަތް ކުރައްވަނީ ސަރުކާރު ވައްޓާލާ، ރައީސް ޔާމީން މަގާމުން ދުރުކުރަން ނޫންކަމަށްވެސް ވިދާޅުވި އެވެ.
އިލްހާމްގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީވެސް ވިދާޅުވީ މަސައްކަތް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން މަޖިލީހުން ނިންމާ ނިންމުތައް ނިންމުމަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އެ ސާބިތުކަމާއި އެކު އިދިކޮޅު ފަރާތްތަކާއި އެކު ތިއްބަވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް