ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ސިޓީއެއް ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް އަށް މިއަދު ހުށަހަޅައިފިއެވެ. މި ސިޓީ ފޮނުވާފައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރުކަނޑުވާލައި، ޤާނޫނުއަސާސީއާއި ދުސްތޫރީ ނިޒާމާ ޚިލާފަށް" މެންބަރުންގެ ގޮނޑިގެއްލޭގޮތަށް ބަންޑާރަނައިބު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށްބުނެއެވެ. އެ ސިޓީގައި ވަނީ ބަންޑާރަނައިބު ސްޕްރީމްކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭ ގާނޫނީ ވާހަކަތަކާއި ދުނިޔޭގެ ގައުމުތަކުގެ މިކަންކުރާ ގޮތުގެ ވާހަކައެވެ. އަދި އޭޖީ އަނިލް އަކީ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެ، " ދިވެހި ރާއްޖެ ޑިމޮކްރަސީގެ ދަތުރުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ތިބޭފުޅާގެ އަތްޕުޅުން ކަތިލެއްވުމަށްފަހު ޤުރުބާންކުރައްވާނެ ކަމަށް ޤަބޫލުކުރަން" ވަރަށް ދަތިކަމަށް ވިދާޅުވެފައިވެއެވެ.
މި ސިޓީގައި ފާހަގަކޮށްފައިވާ މުހިއްމު ބައިތައް
- މަޖިލީހަށް މެންބަރުން އިންތިޙާބްކުރަނީ ވަކި ޕާޓީއަކަށް ޚިދުމަތްކުރުމަށް ކަމުގައި މާނަކުރުމަކީ ވިރާސީ ބާރުގައި ހުންނަ ސިފަތައް ދިވެހިރާއްޖޭގެ ދުސްތޫރުގެ ތެރެއަށް ވައްދަން މަސައްކަތްކުރުން
- ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހިރައްޔިތުން، ވޯޓު ދިނުމުގައި ޕާޓީ އިސްކޮށް، އެފަރާތްތައް ނިސްބަތްވާ ޕާޓީގެ މަންދޫބުންނަށް ވޯޓު ދިނުމަށް މަޖްބޫރު ކުރެވިފައިނުވާކަމާއި، އަދި މަޖުބޫރު ނުވެސްކުރެވޭނެކަމާއި، ދިވެހިރައްޔިތުން ވޯޓު ދޭންޖެހޭނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތިކަން
- މެންބަރުން ހޮވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުންގެ ވެސް ވޯޓާއި އެކު ކަމަށްވާތީ ރައްޔިތުންގެ ބަހެއްނެތި އެރައްޔިތުން އިންތިޙާބުކޮށްފައިވާ މަޖިލިސް މެންބަރަކު ޤާނޫނުއަސާސީގައި ބަޔާންކުރާ ޙާލަތްތައް މެދުވެރި ނުވަނީސް މަޤާމުން ދުރުކުރުމަކީ އެއީ އެރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުންކަމުގައިކަން
- ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ "މެންބަރުކަމާމެދު ކޯޓުގެ އިޚްތިޞާޞް" އިން ބަންޑާރަ ނައިބު އެދިފައިވާފަދަ ޢަމުރެއް ނެރުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެނެއްނުވާކަމަށާއި ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމުން ވެގެންދާނީ ޤާނޫނުއަސާސީއަށް އިތުރު މާއްދާއެއް އިތުރުކުރުން ކަމުގައި ކަމަށާއި އެއީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް
- ބަންޑާރަނައިބު މާނަކުރައްވަން ހުށަހަޅުއްވާފައިވާ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަކީ އެއްވެސް ޙާލަތެއްގައި ދުސްތޫރީ މައްސަލަ އެއްގެ ގޮތުގައި މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް އެކަށައެޅިފައިވާ މާއްދާއެއްނޫންކަމަށް
- ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ "މެންބަރުންގެ މަސައްކަތުގައި ރިޢާޔަތްކުރަންވީ ކަންކަން" ބަޔާންކޮށްފައިވާއިރު، މެންބަރުންގެ މަސައްކަތުގައި ނުވަތަ މެންބަރަކު މަޖިލީހުގައި ވޯޓު ދޭންވާނީ އެމެންބަރަކު އިންތިޙާބުކުރެވޭ ނުވަތަ އެމެންބަރަކު އެވަގުތަކު ތަމްސީލުކުރަމުންދާ ޕާޓީއެއްގެ ފިކުރާއި އެއްގޮތަށްކަމަށް ބަޔާންކޮށްފައިނުވާކަން
- ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ، ނުވަތަ ސިޔާސީ ޕާޓީ އަކުން މެންބަރަކު ވަކިވެއްޖެނަމަ މެންބަރުކަން ގެއްލޭފަދަ ޝަރުތެއް ބަޔާންކޮށްފައިނުވާކަން
- ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއްނުވާނެއެވެ." މިހެން ބަޔާންކޮށްފައިވާކަން
މީގެ އިތުރުން އެމްޕީ އިލްހާމް ވަނީ ބަންޑާރަނައިބާ ސުވާލުތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ބަންޑާރަނައިބު ސޯޝަލް ކޮންޓްރެކްޓެއްގެ ވާހަކަދައްކަވާއިރު ސިޔާސީޕާޓީތަކާއި އެކު ވެފައިވާ ކޯލިޝަން އެއްބަސްވުން އުވާލިއިރު ސޯޝަލް ކޮންޓްރެކްޓް ކޮބައިތޯ އިލްހާމް ވަނީ ސުވާލުކުރައްވާފައެވެ.
" މީގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ޖުމުހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަމިއްލަގޮތުން މަޖިލީހަށް ހޮވުނު މެންބަރުން ޕީޕީއެމަށް ސޮއިކުރުމަށް، މަނިކުފާނު ވެސް ހިމެނިވަޑައިގެން ޖަލްސާތައް ބޭއްވިއިރު ތި ވިދާޅުވާ ސޯޝަލް ކޮންޓްރެކްޓާއި އޭރު ޚިލާފުނުވަތީތޯއެވެ" އެ ސިޓީގައި ވެއެވެ.
އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މެންބަރުން އިންތިޚާބުކުރާ ޕާޓީން ވަކިވުމުން ގޮނޑިގެއްލޭ ކަމަށް އަނިލް ވިދާޅުވެފައިވާތީ، އެކަމާއި ބެހޭގޮތުން ސިޓީގައިވަނީ އެގައުމުތަކުން އެކަންކޮށްފައިވަނީ ގާނޫނުއަސާސީގައި ލިޔެގެން ކަމަށެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް، ސިންގަޕޫރު، ކެންޔާ ސައުތުއެފްރިކާގައި ވެސް އެގޮތަށް އަމަލުކުރަނީ ގާނޫނުއަސާސީގައި ލިޔެގެންކަމަށް އެ ސިޓީގައި ވެއެވެ.
[pdf-embedder url="http://dhuvas.mv/wp-content/uploads/2017/07/new-doc-2017-07-13-00.43.14-20170713004450.pdf"]
އެ ސިޓީ ހުށަހަޅާފައި ވަނީ ސްޕްރީމްކޯޓަށް ހުށަހަޅާފައިވަނީ ދިވެހި ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން މިލޮބުވެތި ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް ކަމަށް ދެކޭތީ ކަމަށް ސިޓީ ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް