މި ލޮބުވެތި ދިވެހި ގައުމުގައި މިހާރު އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެމްބަރަކު ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ހޮވުނު ޕާޓީން ކެނޑިއްޖެނަމަ ނުވަތަ ކަނޑާލައިފިނަމަ އެ މެންބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލިދާނެ ގޮތަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެވެ.
މި މައްސަލަ އާއި ބެހޭ ގޮތުން ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މި އުސޫލަށް އަމަލުކުރަމުންދާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކަށް ބަލާއިރު މިއުސޫލަށް އަމަލުކުރާ ގައުމުތަކުގައި މިއުސޫލަށް އަމަލުކުރަނީ ކަނޑައެޅިގެން ކަޅާހުދުން މި ވާހަކަ އެ ގައުމެއްގެ ގާނޫނީއަސާސީގައި ލިޔެގެންނެވެ.
ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް އަމަލުކުރަނީ ދުނިޔޭގެ 40 ގައުމަކުންނެވެ. އޭގެތެރޭގައި 27 ގައުމަކީ ކޮމެންވެލްތްގެ ގައުމުތަކެވެ. މި 40 ގައުމުގެ ތެރެއިން 24 ގައުމަކީ އެފްރިކާގެ ގައުމުތަކެވެ. 5 ގައުމަކީ އެމެރިކާ ސަރަހައްދުގެ ގައުމުތަކެވެ. 9 ގައުމަކީ އޭޝިއާގެ ގައުމެވެ. ޔޫރަޕުން މިގޮތަށް އަމަލުކުރާ ހަމައެކަނި ގައުމަކީ ޕޯޗްގަލްއެވެ. އަދި މެދިއިރުމަތިން މިގޮތަށް އަމަލުކުރާ ހަމައެކަނި ގައުމަކީ އިޒްރާއިލް އެވެ. މި 40 ގައުމުގެ ތެރެއިން ވެސް ޕާޓީގެ ވިޕްލައިނާ ޚިލާފުވެގެން މަޖިލީހުގެ ގޮނޑިއެއް ގެއްލެނީ އެއްމެ ހަ ގައުމެއްގައެވެ. އެހެނިހެން ގައުމުތަކުގައި ޕާޓީން ސުލޫކީ މައްސަލައެއް ބަލާ ވަކިކުރިއަސް ގޮނޑިނުގެއްލެއެވެ. ގިނަ ގައުމުތަކުގައި ގޮނޑި ގެއްލެނީ ޕާޓީން އިސްތިއުފާ ދީފިނަމައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ބެލާ އިންޑިއާއިން މި އުސޫލަށް އަމަލުކުރަނީ 1985 ވަނަ އަހަރު އެ ގައުމުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކުންނެވެ.
މީގެ އިތުރުން ބަންގްލަދޭޝްގައި ވެސް މި އުސޫލަށް އަމަލުކުރާ ވާހަކަ އަނިލް ވިދާޅުވެފައިވާއިރު އެގައުމުގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ކަނޑައެޅިގެން ވަނީ މިވާހަކަ ބަޔާންކޮށްފައެވެ.
ސައުތުއެފްރިކާގައި ވެސް މި އުސޫލަށް އަމަލުކުރަނީ އެ ގައުމުގެ ގާނޫނު އަސާސީގައި ލިޔެގެންނެވެ. އެގޮތުން އެ ގާނޫނުއަސާސީގެ 47 ވަނާ މާއްދާގެ 5 ވަނަ ނުކުތާއި ވަނީ މަޖިލީހުގެ މެމްބަރުކަން ހޮވުނު ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތު ގެއްލުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
މީގެ އިތުރުން ސިންގަޕޫރުގައި ވެސް މި އުސޫލަށް އަމަލުކުރަނީ ގާނޫނުއަސާސީގައި ލިޔަގެންނެވެ. 46 ވަނަ މާއްދާގައި މިގޮތަށް ބަޔާންކޮށްފައިވާއިރު މެންބަރަކު ވަކިވީތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު ވެސް އެ ގައުމުގެ ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން ދީފައި ވަނީ މަޖިލީހަށެވެ.
ފްރާންސް، ޖަރުމަނާއި ސްޕައިން ފަދަ ގައުމުތަކުގެ ގާނޫނޫއަސާސީގައި މެންބަރުން މަޖިލީހުގައި ވޯޓް ދިނުމުގައި ފުރިހަމަ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު އޮންނަންޖެހޭނެ ކަމަށް ލިޔެފައިވެއެވެ. ދުނިޔޭ
ކަންމިހެން އޮތްއިރު މި މައްސަލައަކީ ވަރަށް ސާފު މައްސަލައެކެވެ. މިކަމުގައި ޝައްކުކުރާނެ ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ. ދިވެހިރާއްޖޭގައި ވެސް މި އުސޫލަށް އަމަލުކުރަން ބޭނުންނަމަ ގާނޫނުއަސާސީ އަށް ބަދަލުގެންނަވާށެވެ. އެހެންނޫނީ ދުނިޔޭގެ އެހެންގައުމުތަކުގައި އެކަންކުރިޔޭ ކިޔާފައި ރާއްޖޭގެ އެކަންކުރެވޭނެ އެއްވެސް ހެއްކެތް ހުއްޖަތެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް