ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ ބުރުމާ ތަކަކާއެކު މާލެއިން މީހަކު އަތުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭ ދަންވަރު 02:45 ހާއިރު، ބުރުޒުމަގުގައި ހުރި ގެއަކަށް އޭނާ ވަތް ވަގުތު، އޭނާގެ ޢަމަލުތައް ހުރިގޮތުން ތުޙުމަތު ކުރެވިގެން، މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ކަމަށެވެ. ވަގަށް ނަގާފައިވާ ކަރަންޓް 02 ބުރުމާ ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 66 ފަހަރު ހުއްޓުވައި ސުވާލުކޮށް 26 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 13 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަމަށެވެ. މީގެ އިތުރުން އޭނާ އަކީ ގަސްތުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި އޭނާ ގެ މައްޗަށް ތުޙުމަތު ކުރެވޭ 07 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށާއި، ވައްކަމުގެ މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް