ކުޅުދުއްފުށީ ކުނިކޮށި ފިޔަވައި އެހެން ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ މީޑިއާގައި އާންމު ކުރުމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން ނިންމައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ޕަބްލިކް ހެލްތު އޮފިޝަރު، މުހައްމަދު އަބްދުލްރަހްމާން ވިދާޅުވީ އެ ނިންމުމަކީ ރަށުގެ ކުނީގެ މައްސަލަ ހައްލުނުވާތީއާއި މި ދުވަސްވަރަކީ ޑެންގީ ފެތުރޭ ދުވަސްވަރަކަށްވެފައި ބޭނުންހާތަނަކަށް ކުނިއެޅުމުން ސިއްހީ މައްސަލަތައް ނިކުންނާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
"ކުނި ކޮށި ނޫންތަންތަނަށް ކުނި އަޅާ މަންޒަރު ފޮޓޯނެގުމަށްފަހު 7776072 އަށް ވައިބާ ކުރަންވީ، އޭރުން މީޑިއާގައި ފޮޓޯ އާންމު ކުރެވޭނެ، މީޑިއާގައި ފޮޓޯ އާންމު ކުރުމަށް ކުޅުދުއްފުށި ޑޮޓް ކޮމްއާއެކު ވަނީ އެއްބަސްވުމަކަށް އާދެވިފަ" އަބްދުއްރަހްމާން ވިދާޅުވިއެވެ.
އެ ޔުނިޓުން މިކަން އާންމުކޮށް އަންގާ އިއުލާނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އަމަލީގޮތުން އެކަން ފަށްޓާފައިވަނީ އިއްޔެ އެވެ.
ޕަބްލިކް ހެލްތުން ބުނީ ކޮންމެކޮންމެ ދިމާލަކަށް ކުނި ނޭޅުމަށް ސީދާގޮތުން ނަސޭހަތްދީ އިލްތިމާސްކޮށްގެން މިކަމަށް ހައްލެއް ލިބިފައިނުވާ ކަމަށާއި މިގޮތަށް އަމަލު ކުރުމުން ހެޔޮ ބަދަލެއް އަތުވެދާނެކަމުގައި ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް