ރޭ 12:30 ހާއިރު އެއް ނަމްބަރު ފާލަން ކައިރި ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ގ.ހެމްލޮކް، އުމުރުން 71 އަހަރުގެ މުހައްމަދު ޖަމީލް ކަމަށެވެ.
ޖަމީލް މަރުވެފައި އޮއްވާ ފެނުމުން ރޭ 12:40 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ޖަމީލްގެ ނިތްކުރިއާއި ކޮނޑުގައި ހަންމެށިފައި ހުރި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެއްވެސް މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށާއި ޖަމީލް މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް