އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބު އަތުން މޮޅުވެ، ޓީސީ ސްޕޯޓްސް ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މަހިބަދޫގެ މައްޗަށް ޓީސީ ކުރި ހޯދީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލެއްޖަހާ ލީޑުނަގާފައެވެ. ފައްރާހު ނަގައިދިން ހުރަހަކުން މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ. އޭގެ ހަތް މިނެޓްފަހުން ނާއިޒު ހަސަން ވަނީ ޓީސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޓީސީން ނިންމާލިއިރު، މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން އަހްމަދު ޒާދު ފޮނުވާލި ބޯޅަ މަހިބަދޫގެ ކީޕަރު އިފާމް އަތުން ދޫވުމުން ލިބުނު ފުރުސަތުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިލްވާންއެވެ.
މިމެޗުގެ ފަހުކޮޅު ޓީސީއަށް ގިނަ ހުސް ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވުނެވެ. ޓީސީގެ ބްރެޒިލް ފޯވަޑް ރަފީނިއާ އަދި ނާއިޒްއަށް ލިބުނު ފުރުސަތުތައް ގޯލާ އަމާޒުވާގޮތެއް ނުވެއެވެ.
މި މޮޅާއެކު ލީގުގެ ދެވަނައިގައި ޓީސީ އޮތީ ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި މަހިބަދޫ އޮތީ ލިބުނު އެންމެ ޕޮއިންޓަކާއެކު ލީގުގެ ފުލުގައެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރޭ އެވެ. އެރޭ 10:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ބީޖީ ސްޕޯޓްސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް