އިސްރާއީލުން އީރާނަށް އައު ހަމަލާތަކެއް، ނަތަންޒް ނިއުކްލިއަރ ސައިޓާއި ތަބްރީޒް އެއަރޕޯޓަށް ހަމަލާދީފި

އިސްރާއީލުން އަލުން އީރާނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން މި ސަރަޙައްދުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެއެވެ. އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި މައިގަނޑު އަމާޒުތަކުގެ ތެރޭގައި ނަ...

13 Jun 2025 | 12:05

އިސްރާއީލުން އަލުން އީރާނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން މި ސަރަޙައްދުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެއެވެ. އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި މައިގަނޑު އަމާޒުތަކުގެ ތެރޭގައި ނަތަންޒްގައި ހުރި ބިމުއަޑީގެ ޔުރޭނިއަމް އެންރިޗްމަންޓް ފެސިލިޓީ ހިމެނެއެވެ. މިއީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މުހިންމު ބައެކެވެ.

މި އެންމެ ފަހުގެ ހަމަލާ އައިސްފައިވަނީ އިސްރާއީލުން ކުރިން ދިން ހަމަލާތަކުގެ ތެރެއިން އީރާނުގެ އީސްޓް އަޒަރްބައިޖާން ޕްރޮވިންސްގެ މަދުވެގެން 10 ތަނަކަށް ހަމަލާދީ، މަދުވެގެން 3 މީހުން މަރުވިތާ ގަޑިއިރުތަކެއް ފަހުންނެވެ. ހުކުރު ދުވަހުގެ ހެނދުނު އީރާނުގެ ހުޅަނގު އުތުރު ސަރަޙައްދު ކަމުގައިވާ އީސްޓް އަޒަރްބައިޖާނުގައިވެސް ގޮވުންތަކެއް އިވުނު ކަމަށް ރިޕޯޓުކުރެވުނެވެ. އަދި ސަރުކާރުގެ ޓީވީން ތަބްރީޒް އެއަރޕޯޓުގައި ގޮވުމާއި އަލިފާން ރޯވި ކަން ކަށަވަރުކޮށްދީފައިވެއެވެ. އީރާނުގެ މީޑިއާއިން ދައުރުކުރި ވީޑިއޯތަކުގައި އެ ސަރަޙައްދުން ބޯ ދުންތަކެއް އުފުލެމުންދާ ތަން ފެނުނެވެ.

އެންމެ ފަހުގެ ހަމަލާގައި ލިބުނު ގެއްލުމުގެ މިންވަރާއި މަރުވި މީހުންގެ އަދަދު އީރާނުގެ އިސްވެރިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހަމަލާތައް އައިސްފައިމިވަނީ ބުރާސްފަތި ދުވަހު އިސްރާއީލުން އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ އިންފްރާސްޓްރަކްޗަރއަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިސް ކޮމާންޑަރުންތަކެއް މަރުވި ކަމަށް ރިޕޯޓުކުރެވުނެވެ. މިކަމާ ގުޅިގެން އައިއާރްޖީސީގެ އިސްވެރިން ވަނީ އިސްރާއީލަށް "މިހާތަނަށް ނުދެކޭފަދަ ބަދަލެއް" ހިފާނެ ކަމަށް ބުނެފައެވެ.

އީރާނާއި، އިރާޤު އަދި މެދު އިރުމަތީގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން މަދަނީ އަދި ވިޔަފާރީގެ ވައިގެ ދަތުރުތަކަށް ބުރޫއަރައިފައިވެއެވެ. ބައިނަލްއަޤްވާމީ އެއަރލައިންތަކުން ވަނީ ހަނގުރާމައިގެ ސަރަޙައްދުތަކުން ދުރުވުމަށްޓަކައި ދަތުރުތައް އަލުން ރޫޓުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް