ހުކުރު ޚުޠުބާގައި ހިތްތިރިކަމާ މަޑުމޮޅިކަމުގެ ވާހަކަ

ހިތްތިރިކަމާ މަޑުމޮޅިކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ" މި މަޢުލޫއެވެ. ތަވާޟުޢުވެރިކ...

13 Jun 2025 | 07:03

ހިތްތިރިކަމާ މަޑުމޮޅިކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ" މި މަޢުލޫއެވެ.

ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމެވެ. މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަޚުރުވެރި ނުވުމެވެ.

ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ހަމަކަށަވަރުން ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. އަދި މުއުމިނުންގެ ސިފައެކެވެ. އަދި ޞާލިޙުންގެ ޢަލާމާތެކެވެ. ފަހެ، އެ ސިފައިގެ ސަބަބުން ޝަރަފުވެރީންގެ ޝަރަފު އިތުރުވެއެވެ. އަދި ނަޞްރުވެރީންނަށް ނަޞްރު ލިބެއެވެ. ހަމަ އެ ފަދައިން އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހެއެވެ. އަދި އެސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް الله އުފުއްލަވަތެވެ. އަދި އެސިފައިގައި ހިފަހައްޓައިފި މީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިޢުމަތާއި، ބާއްޖަވެރިކަން ދެއްވައެވެ.

"ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެއް، އަދި އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެއް،  މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި ޢުމުރު ފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެއް، އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަނޖެއް، ފަޤީރެއް ނުވަތަ ޢަރަތްބެއް، ޢަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތެއް ނެތް،  ތަފާތުވަނީ ހަމައެކަނި އެ މީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމްދީން ފެތުރުނީ މަޑުމައިތިރިކަމާއި، ތަވާޟުޢުވެރިކަމާއި އޯގާތެރިކަމުން ކަމާއި މާތް ނަބިއްޔާ ﷺ  މުސްލިމުންގެ ނިކަމެތިންނާއި، ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އެ މީހުން މަރުވުމުން ޖަނާޒާގައި ބައިވެރިވެވަޑަގަންނަވާކަމާއި އަދި ޞަޙާބީންގެ ކުޑަކުދީނަށް ޒިޔާރަތްކުރައްވައި އެ ކުދީންގެ ބޮލުގައި ފިރުއްމަވައި ހައްދަވާކަމާއި ތަވާޟުޢުވެރިވުމަކީ މުސްލިމުންގެ އަޚްލާޤުކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ތަވާޟުޢުވެރިކަން އޮންނާން ޖެހޭނީ ކޮންކަމެއްގައިހެއްޔެވެ؟ އަދި ކޮންބަޔަކަށްހެއްޔެވެ؟

މި ދެ ސުވާލުގެ ޖަވާބަށް އަލިއަޅުވާލަމުން ހުކުރު ޚުޠުބާގައި ބުނެފައިވަނީ އެންމެ ފުރަތަމަ ތަވާޟުޢުވެރި ވާންވީ މާތް الله އަމުރުކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް ކަމަށާއި ދެވަނައަށް ތަވާޟުޢުވެރިވާންވީ މާތް اللهގެ މަތިވެރިކަމާއި جَلَالُވަންތަކަމާއި كِبْرِيَاءُވަންތަކަމާއި عِزَّةވަންތަކަމަށް ކަމަށެވެ. އަދި ތިންވަނައީ ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުމަށް ކަމަށެވެ.

"މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުންވަނީ ޢާންމު ކަމަކަށް ވެފައި، ޚާއްޞަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މި ކަން ވަނީ ރީތި ކަމެއްކަމުގައި ވެފައި، ހަތަރުވަނައީ މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެމީހުންނަށް އެހީތެރިވުމުގައި ތަވާޟުޢުވެރިވުން" ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާގޮތުގައި މާތް اللهއަށް ބިރުވެތިވެ، ކިބުވެރިކަމާއި ބޮޑާކަން ދޫކޮށް އެކަލާނގެ ޙަޟްރަތަށް ތަވާޟުޢުވެރިވާން ވާނެއެވެ. ފަހެ، ތަވާޟުޢުވެރިވުމުން މާތް اللهގެ ލޯތްބާއި މީސްތަކުންގެ ލޯބި އެ މީހަކަށް ލިބޭނޭކަމާއި ތިބާގެ ޢުމުރު ކިތަންމެ ދިގުކޮށްދެއްވި ނަމަވެސް، ތިބާ މި ދުނިޔެއާ އަލްވަދާޢު ކިޔާން ޖެހޭނޭކަމާއި ވީމާ، ތިބާއަށް އޮތީ ތިބާގެ ޢަމަލުތަކަށް ފާރަވެރިވެ، މާތް اللهގެ ޙަޟުރަތަށް އިބްތިހާލުވެ، ކުރެވިފައިވާ ކުށްތައް ފުއްސަވައިދެއްވުން އެދި ދުޢާކޮށް، ތަވާޟުޢުވެރިކަމާ އެކު، ހެޔޮ ޢަމަލުކުރުންކަން ފާހަގަކޮށްފައި ވެއެވެ.

"ތަވާޟުޢުވެރިވުމުގައި ފަސްވަނައީ، ތިމާމެންގެ އަނބިދަރީންނާ މެދު ރަނގަޅު ގޮތުގައި މުޢާމަލާތުކޮށް އެ މީހުންނަށް ގޭގެ މަސައްކަތުގައި އެހީތެރިވެދިނުމުގައި ތަވާޟުޢުވެރިވުން،

ކުޑަކުދީންނަށް އޯގާތެރިވެ އެ ކުދީންނާ ސަމާސާކުރުމުގައި ތަވާޟުޢުވެރިވާންވާނެ، ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުން ކުރެ އެންމެ ޚުލްޤު ހެޔޮ ސާހިބާއެވެ. އެކަލޭގެފާނު ކުޑަކުދީންގެ ބޮލުގައި ފިރުއްމަވައި އަދި ސަމާސާކުރައްވައި އުޅުއްވި" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޢިލްމުވެރީންނާއި އެކިއެކި މަޤާމުތަކަށް އިސްކުރައްވައިފައިވާ ފަރާތްތަކާއި، އަދި އެންމެހައި މީސްތަކުން މާތް اللهއަށް ތަވާޟުޢުވެރިވުމަށް ގޮވައިލައި ޚުޠުބާގައި ވަޞިއްޔަތްކޮށްފައިވެއެވެ. ޙަޤީޤީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތް الله ރުއްސަވައިވޮޑިގަންނަވާ ގޮތަށް ޢަމަލުތައް ބަހައްޓައި، ދާއިމީ ނިޢުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް، ހީވާގިކަމާ އެކު މަސައްކަތްކުރާ މީހުން ކަމާއި ތިޔަބައިމީހުން މުއުމިނުންކަމުގައިވާ ޙާލު އެކަލާނގެ ރަޙްމަތަށް އުންމީދުކޮށް އަދި އެކަލާނގެ ޢަޛާބަށް ބިރުވެތިވާން ވާނެ ކަމާއި އެއިރުން މާތް اللهގެ ފުއްސެވުމާއި ރުއްސެވުން ލިބޭނެކަން ކަށަވަރެވެ. މާތް الله އަހުރެންނާއި ތިޔަ އެންމެތަކުންނަށް އެ މަގުން ހިނގުމުގެ ހެޔޮ  ތައުފީޤުދެއްވުމަށް ޚުޠުބާގައި ދުޢާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް