އީރާނުގެ ދައުލަތުގެ ޓީވީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިސްވެރިޔާ ހުސެއިން ސަލާމީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ވަނީ ޝަހީދުވެފައެވެ. މި ހަމަލާގައި އިސް ކޮމާންޑަރު ޣުލާމްޢަލީ ރަޝީދާއި ދެ ނިއުކްލިއަރ އޮފިޝަލަކުވެސް ވަނީ ޝަހީދުވެފައެވެ.
"ރައިޒިންގ ލަޔަން" ގެ ނަމުގައި ފެށި މި ހަނގުރާމައިގައި އިސްރާއީލުން ދީފައިވާ މި ހަމަލާ އަމާޒުކޮށްފައިވަނީ އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންނާއި، މިސައިލް ފެކްޓަރީތަކާއި، ނަތަންޒްގެ ޔުރޭނިއަމް އެންރިޗްމަންޓް ސައިޓަކަށް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. ޓެހެރާނާއި ނަތަންޒް ހިމެނޭ ގޮތަށް އެކި ސިޓީތަކުގައި ބާރު ގޮވުންތަކުގެ އަޑު އިވިފައިވެއެވެ. މިކަމާއި ގުޅިގެން އީރާނުގެ ވައިގެ ދިފާޢީ ބާރުތައް އެކްޓިވޭޓްކުރެވިފައިވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ މިއީ "ނިންމުންތެރި ވަގުތެއް" ކަމަށް ބުނެ، މި އޮޕަރޭޝަން ދުވަސްތަކެއް ވަންދެން ކުރިއަށްދާނެ ކަމަށް އިންޒާރުދީފައިވެއެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި އީރާން 15 ނިއުކްލިއަރ ބޮން ހެދުމާއި ވަނީ ވަރަށް ގާތްވެފައެވެ.
އީރާނުން މިހަމަލާއަށް ވަރުގަދައަށް ރައްދުދޭނެކަމަށް ބެލެވެއެވެ. އިސްރާއީލު ވަނީ މިސައިލާއި ޑްރޯން ހަމަލާތަކަށް ތައްޔާރުވެފައެވެ.
އެމެރިކާއިން ސާފުކޮށްދީފައިވާ ގޮތުގައި މި ހަމަލާތަކުގައި އެމެރިކާ ބައިވެރިވެފައެއް ނުވެއެވެ. އެގައުމުގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ އެމެރިކާގެ މުވައްޒަފުންނަށް ހަމަލާތައް އަމާޒުނުކުރުމަށް އީރާނަށް އިންޒާރުދީފައެވެ. އިސްރާއީލް-އީރާން މަޝްރަހު ހޫނުވުމާއި ގުޅިގެން ރައީސް ޓްރަމްޕް ދަނީ ކުއްލި ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
އޮމާނުގައި، އީރާނާއި އެމެރިކާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިއަރ މައްސަލައާ ގުޅޭ މަޝްވަރާތައް ދެން ކުރިއަށްދާނެ ކަމަކަށް ނުބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް