ހިޔާ ފްލެޓުގައި ފޭރޭ ގޭންގުގެ އިސްކޮށް ހުރީ މާބަނޑު އަންހެނެއް – ގިނަ މީހުން ބެދެނީ ހަށިގަންނަން ގޮސްގެން

ހުޅުމާލޭ ހިޔާ ފްލެޓަކުން ފެންމަތިވި ފޭރޭ ގޭންގާއި އަދި އެ ފޭރުންތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މި މައުލޫމާތުތައް ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކު...

13 Jun 2024 | 10:48

ހުޅުމާލޭ ހިޔާ ފްލެޓަކުން ފެންމަތިވި ފޭރޭ ގޭންގާއި އަދި އެ ފޭރުންތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މި މައުލޫމާތުތައް ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

އެގޮތުން ފުލުހުން ބުނީ ހިޔާ ފްލެޓް H5 3 18 އާއި ގުޅޭ ފަސް މައްސަލައެއް ތިން މަސް ތެރޭގައި ހުށަހެޅިފައިވާއިރު ގިނަ މައްސަލަތަކެއް ރިޕޯޓު ނުކޮށް ހުރިކަންވެސް ފާހަގަވާކަމަށެވެ.

ފުލުހުން ބުނީ އެތަނަށް މީހުން ގެންދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވަގު އައިޑީ ހަދައިގެން ހަށިވިއްކުމުގެ އިސްތިހާރު ކޮށްގެންނާއި އަދި މަގުމަތިން އުމުރުން ދުވަސްވީ މީހުންނާ، މި ޖަރީމާގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނަކު ބައްދަލުކޮށް ހަށި ވިއްކުމުގެ ދައުވަތު ދީގެން ކަމަށެވެ.

އެމީހުން ގެންގޮސް އަނިޔާކޮށް، ބިރުދައްކާ، ބަރަހަނާކޮށް، ވީޑިއޯކޮށް ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނު ފޭރިފައިވާކަންވެސް ފުލުހުން މިއަދު ބުންޏެވެ.

އެޕާޓްމެންޓް ބަލާ ފާސްކޮށް ހެއްކާއި ގަރީނާ ހޯދައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށް އެ ހަތް މީހުންގެ ވަނަވަރުވެސް މިއަދު ފުލުހުން ހާމަކުރިއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި މީހުންނަކީ ތަފާތު އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހުންކަންވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އެ ފަރާތްތަކަކީ

  1. އުމުރުން 24 އަހަރުގެ އައިމިނަތު ހުމައިނާ، މ. ގޯނބިލިގަސްދަށުގެ
  2. އުމުރުން 30 އަހަރުގެ އާޔަތު އައްބާސް، ދަފްތަރު ނަމްބަރު 1835
  3. އުމުރުން 43 އަހަރުގެ މުހައްމަދު އާދަމް، ޕެލަސް، ގއ. ދާންދޫ
  4. އުމުރުން 31 އަހަރުގެ ސަމާހު އަލީ، ހަނދުމާގެގެ އާގެ
  5. އުމުރުން 35 އަހަރުގެ މުހައްމަދު މުނީރު، ސަންފްލާވާ، ދ. ކުޑަހުވަދޫ
  6. އުމުރުން 33 އަހަރުގެ އަހްމަދު މާޖިދު، ކިފާޒް، ނ. ވެލިދޫ

އަދި އޭގެ ފަހުން ހަމަ އެ އެޕާޓްމެންޓާއި ގުޅޭ ހަމަ މިފަދަ މައްސަލައެއްގައި

7. އުމުރުން 34 އަހަރުގެ އަހްމަދު މަދީހު، ކ. މާލެ، މ. ސީނަރީ ވިއު

މި ފަރާތްތަކުގެ ބަންދާއިމެދު ފުލުހުން ބުނީ އަހްމަދު މަދީހުގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވެ ދޫކޮށްލާފައިވާކަމަށާއި ހުމައިނާ ޒަކަރިއްޔާއަކީ މާބަނޑު އަންހެނެއްކަމުން ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާކަމަށެވެ.

އެންމެ އިސް މީހަކީ ހުމައިނާކަން ފުލުހުން ހާމަކުރިއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގާ ހެކިދޭ ފަރާތްތައް ފުރަތަމަ ހެކިދޭއިރު ގަދަކަމުން އެ އެޕާޓްމަންޓަށް ގެންދަނީކަމަށް ބުނާ ކަމަށާއި ނަމެވެސް ސީސީޓީވީ ފުޓޭޖް ބެލުމުން އެ އެޕާޓްމަންޓަށް ދަނީ އަމިއްލަ އިހުތިޔާރުގައިކަން އެނގޭ ކަމަށެވެ. އަދި އެ ހިސާބުން މައްސަލަ ކުރިއަށް ނުގެންދަން އެ ފަރާތްތަކުން ބޭނުންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް