ތިން މަރާ ގުޅޭ މައުލޫމާތުތަކެއް – ބްރިޖް ސަރަހައްދުން ފެނުނު ނޭޕާލް އަންހެން މީހާގެ ބައެއް މައުލޫމާތުވެސް ހިމެނޭ

މި އަހަރު މިހާތަނަށް ހިނގާފައިވާ ތިން މަރަކާއި ގުޅޭ މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފިއެވެ. މި މައުލޫމާތުތައް ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ. އެގޮތުން މައުލޫމާތު ހާ...

13 Jun 2024 | 10:18

މި އަހަރު މިހާތަނަށް ހިނގާފައިވާ ތިން މަރަކާއި ގުޅޭ މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފިއެވެ. މި މައުލޫމާތުތައް ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

އެގޮތުން މައުލޫމާތު ހާމަކުރީ ބަނޑޭރިކޮށި ފްލެޓަކުން ފެނުނު ހައްމާދުގެ މަރާއި ރަބީއުވިލާއިން ފެނުނު އައިމަންގެ މަރާއި އަދި ބްރިޖް ސަރަހައްދުން އޮޔާދަނިކޮށް ފެނުނު ބޭރު ގައުމަކަށް ނިސްބަތްވާ އަންހެން މީހާގެ މަރާއި ގުޅޭގޮތުންނެވެ.

އެގޮތުން ފުލުހުން ބުނީ ހައްމާދު މަރުވެފައި އޮއްވާ ފެނީ އެ އެޕާޓްމެންޓްގެ ކޮޓަރިއެއްގެ ދޮރުމަތިން ކަމަށާއި ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އެއީ ބަޔަކު އުޅޭ ތަނެއް ނޫން ކަމަށާއި، ބޭރުފުށުން އަނިޔާއެއް ނެތްކަން އޮޓޮޕްސީ ވަގުތީ ރިޕޯޓުން އެނގިފައިވާކަމަށާއި އެހެންނަމަވެސް މަރުގެ ހަގީގީ ސަބަބު އެނގޭނީ ދާއިމީ ރިޕޯޓު ލިބުމުން ކަމަށެވެ.

އައިމަންގެ މަރާއި ގުޅޭގޮތުން ފުލުހުން ބުނީ އެ ރިޕޯޓު ކުރީ އާންމުންގެ މީހަކު ކަމަށާއި ފުލުހުން ދިޔައިރު އެގޭގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި ހަށިގަނޑު އޮތް ކަމަށާއި އޮތީ ވަރަށްބޮޑަށް ކުނިވެ ހަލާކުވެސް ވެފައި ކަމަށެވެ. ހަށިގަނޑު ދެނެގަންނަން އުނދަގޫވިނަމަވެސް ފިންގަ ޕްރިންޓާއި އާއިލާގެ އެހީގައި އެއީ އައިމަންކަން ދެނެގަނެވުނު ކަމަށެވެ. އަދި އަތަށް ސިރިންޖެއް ޖަހާފައިވާކަން އެނގުނު ކަމަށާއި އެ ސިރިންޖު ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ކަމަށެވެ.

އައިމަންގެ އޮޓޮޕްސީ ރިޕޯޓުގެވެސް ވަގުތީ ނަތީޖާ ލިބިފައިވާއިރު ބޭރުފުށުން އަނިޔާއެއް ނެތްކަން އެނގޭ ކަމަށާއި އެހެންނަމަވެސް މަރުގެ އަސްލު ސަބަބު ކަނޑައެޅޭނީ ދާއިމީ ނަތީޖާ ލިބުމުން ކަމަށްވެސް ބުނެފައިވެއެވެ.

ތިންވަނަ މަރަކީ ބްރިޖް ސަރަހައްދުން އޮޔާދަނިކޮށް ފެނުނު އަންހެނެއްގެ ހަށިގަނޑާއި ގުޅޭ މަރެވެ.

ފުލުހުން ބުނީ އެއީ ކާކުކަން ފުރަތަމަ ދެނެ ނުގަނުވުނު ނަމަވެސް އެއީ ނޭޕާލު އަންހެނެއްކަން މިހާރު ދެނެގަނެވިފައިވާއިރު އެ އަންހެންމީހާގެ ލޯބިވެރިޔާއާއެކު ގެސްޓްހައުސްއެއްގައި ދިރިއުޅެމުންދިޔަކަމާއި އަދި ހަށިގަނޑު ފެނުނު ދުވަހު އެކަނި ބްރިޖަށް އަރާ މަންޒަރު ފެނިފައިވާއިރު އަދި ހަށިގަނޑުގައި ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް އިރު އެއީ މީހެއްގެ ބައިވެރިވުމަކާ ނުލާ ހިނގާފައިވާ މަރެއްކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް