އެމްއޭސީއެލް ވެހިކަލް ވަގަށްނެގި މައްސަލައިން ކުރި ފަޅައި ހޯދި ހޯދުންތަކުން ފެންމަތިވީ އަދި މާ ބޮޑު މައްސަލައެއް ކަމަށާއި 100 އަށްވުރެ ގިނަ ވެހިކަލް ހިމެނޭ ކަމުގައި ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުން މިކަން ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ފުލުހުން ބުނީ އެ ވެހިކަލް ވަގަށްނެގިރޭ ދަންވަރު ވަގުތެއްގައި އެމްއޭސީއެލްގެ ހުޅަނގު ބްރިޖަށް ނިކުމެވޭ މަގުން ނެރެގެން ހުޅުމާލެ ގޮސް ހުޅުމާލެ ފިއުލްޝެޑާ ހަމައިގަ އޮރެންޖު ބިލްޑިން ކައިރީގަ މަޑުކުރުމަށްފަހުގަ ވެހިކަލް ނަމްބަރު ޕްލޭޓް ބަދަލުކޮށް އަނެއްކާ މާލެ އަންނަކަން ފާހަގަކުރެވުނުކަމަށާއި މާލެ އައިސް ބްރިޖް ހުރަސްކޮށް މާލެ ފައިބާ މާލޭގަ ދާދި ފަހުން އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއްކަމުގައިވާ ހ. އީރާނުގެ ގްރައުންޑް ފްލޯގެ ގަރާޖެއް ގެ ތެރެއަށް ދަންވަރު ތިނެއްޖަހާއެހައިކަށްހާއިރު ވެއްދި ކަމަށެވެ.
"ގަރާޖަށް ގޮސް ކުއްޔަށް ނަގައިގެން އުޅޭ ފަރާތް ހާޒިރު ކުރެވި ބަލާ ފާސްކުރިއިރު ވޭން ގަރާޖުތެރޭގަ ޕާކު ކޮށްފަ އޮއްވާ ވަނީ ފެނިފަ، މަހެއްހާ ދުވަސް ކުރިން އިމިގްރޭޝަންގެ ހަތަރު ފުރޮޅުލީ އުޅަނދެއްވެސް ވަގަށް ނަގާފައިވާތީ، މި ދެންނެވި ކާރުވެސް ވަނީ ފެނިފަ، ބެލި ބެލުމުގެ ފާހަގަވަނީ، މި ދެންނެވި ވައްކަމުގެ ތެރޭގަ ބޮޑެތި ހަތަރު ފުރޮޅުލީ ވެހިކަލްތައް އިންޖީނު ކެޝިޝް ނަމްބަރާ ކަހާލާ ފުޅާ ދާއިރާއެއްގަ ކުރަމުންދާކަން" ފުލުހުން ބުނެފައިވެއެވެ.
އެގޮތުން މިކަމާ ގުޅިގެން ކ. މާލެ މ. މޮޑަންކޮމެންޓް އަހްމަދު ނިޒާމް 43 އަހަރު، އެމްއޭސީއެލްގެ މުވައްޒަފެއް ކަމުގައިވާ މ. ސީނި އަސުރުމާގެ، މުހައްމަދު ހައިޝަމް، 42 އަހަރު ހައްޔަރު ކުރެވި، ބެލި ބެލުމުން މިފަދަ ވެހިކަލްގެ އަދަދު ބެލި އިރު 100 އަށް އަރާ ކަމަށާއި އެ ގަރާޖު ހިންގާ ފަރާތުގެ ނަމުގައި 4 ފުރޮޅުލީ 86 ވެހިކަލް އޮތްކަންވެސް ފާހަގަވި ކަމަށާއި އަދި ރަޖިސްޓްރީތައް ބަހާލާފަ ވަނީ ނިޒާމްގެ އަނބިކަނބަލުންގެ ނަމުގަ 42 ވެހިކަލްގެ ގޮތުގައި ކަންވެސް ފާހަގަވިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެހިސާބުން އެ 86 އުޅަނދަށް 86 ގަރާޖު ސިޓީ އޮންނަންޖެހޭކަން އެނގޭތީ ބެލި ބެލުމުން، ކުރިން ޓްރާންސްޕޯޓް މެދުވެރިކޮށް ގިނަ ރަޖިސްޓްރީތަކެއް ހައްދައި އަދި ކުރިއަށް އޮތް ތިން އަހަރަށްވެސް ރަޖިސްޓްރީތައް ދޫކޮށްފަ ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު މައްސަލައިން ކުރި ފަޅާފައިވާ އިތުރު މައްސަލަތައްވެސް ބަލަމުން އަންނަ ކަމަށާއި ޓްރާންސްޕޯޓުން އެހާގިނަ ރަޖިސްޓްރީ ދޫކުރި މައްސަލަވެސް ހިމެނޭ ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް