މަސްވެރިންގެ ޝަކުވާއާއި މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ހައްލަކީ ސަރުކާރުން މި ސިނާއަތުން ވީއްލި އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި ކައުންސިލްތައް މި މަސައްކަތުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުންކަމުގައި ދަ ޑިމޮކްރެޓްސް ޕާޓީއިން ބުނެފިއެވެ.
އެ ޕާޓީއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނި ބާނާ މަހަށް އެކަށޭނަ އަގެއް ނުލިބުމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ލިބެމުން ނުދިއުމަކީ ދިވެހި މަސްވެރިންގެ ޒަމާންވީ ޝަކުވާއެއްކަމަށާއި އަދި މި މައްސަލައަށް ދެމެހެއްޓެނެވި ދާއިމީ ހައްލެއް ހޯދައިނުދެވި އެންމެ ކުޑަމިނުން ކިރުވާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، މަސައްކަތް ހުއްޓާލުމަށްފަހު މަސްވެރިން އިހުތިޖާޖު ކުރަންޖެހޭ ޖެހުމަކީ މި ޕާޓީއިން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.
"ނިމިދިޔަ ސަރުކާރުންވެސް މައްސަލާގެ ހައްލާ ދިމާ އިދިކޮޅަށް ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި ބާނާ ހުރިހާ މަހަކަށް އެކަށޭނަ އަގު ހޯދައިދިނުމާއި އަދި ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބުމުގައި މެދުވެރިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ސަރުކާރުން މަސް ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން އިތުރަށް ފުޅާކުރަން ކުރި މަސައްކަތްތަކަކީ މި ޕާޓީއިން އަބަދުމެ އެކަމާ ދޮކޮޅަށް އަޑު އުފުލާ، އަދި ވެރިކަމަށް އަންނަން ހުށަހެޅުއްވި ސިޔާސަތުތަކަށް ރުޖޫއަވުމަށް ކެނޑިނޭޅި ގޮވާލަމުންދިޔަ މައްސަލައެއް" އެ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސަތައެއް ގަނޑުކުރި ރޯމަހުގެ (ރޯމެޓީރިއަލްގެ) ގޮތުގައި އެކްސްޕޯޓު ކުރާހާ ހިނދަކު މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބެންޖެހޭ ފުރިހަމަ ނަފާ ނުލިބޭނެ ކަމަށާއި އަދި ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަށް މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކޮށް، ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމުގައި ދެކޭކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ.
ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ވޭތުވެދިޔަ ސާޅީހަކަށް އަހަރު ހިންގޭތޯ މަސައްކަތްކުރި ސަރުކާރުގެ މަސް ފެކްޓްރީއަށް މަސް ގަނެވިއްކުމުގެ މޮޑެލް އިން މަހަށް އެކަށޭނަ އަގެއް ނުދެވޭކަމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫނުކުރެވޭކަމީ ފެންނަން އޮތް ހަގީގަތެއްކަމުން، އެ ޕާޓީގެ މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކުގައި ވެސް އެކަށައަޅާފައިވާ ފަދައިން، ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރިން ނިކުމެ، އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި އަދި ކައުންސިލުތައް މި މަސައްކަތުގެ ތެރެއަށް ވައްދާ ރާއްޖޭ އެކި ސަރަހައްދުތަކުގައި އެތަކެއް ލައިޓް އިންޑަސްޓްރިއަލް މެނުފެކްޗަރިން ޕްލާންޓްތަކެއްގެ ގޮތުގައި ގޭދަށު މަސް ފެކްޓްރީތައް ގާއިމުކޮށް އެތަންތަނަށް މަސްވެރިން ބާނާ މަސް ގަނެ، ޖުމްލަކޮށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބޮޑު ބަޔަކީ ކޮންމެވެސް އެއްގޮތަކަށް ޕްރޮސެސްކުރެވި ވެލިއުއެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ އެއްޗެއްކަމުގައި ހެދިގެން ނޫނީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ދިވެހި މަސްވެރިންނަށާއި އަދި ދިވެހިރާއްޖެއަށް ވެސް ނުލިބޭނެ ކަމަށެވެ.
ބާނާ މަހަށް އެކަށޭނަ އަގު ދިނުމާއި، މަހުގެ އަގު އުފުލުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަސްވެރިކަމާ ގުޅޭ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުމުގެ އިތުރުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އިއުލާނު ކުރައްވާފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަހުގެ ކޯޓާ އަހަރުން އަހަރަށް ހަމަކުރުމަށްވެސް އޮތް މަގަކީ މަސްވެރިކަމާ ގުޅޭގޮތުން ޑިމޮކްރެޓުން ހުށަހަޅާފައިވާ ސިޔާސަތުތަކަށް ރާއްޖެ އެނބުރުން ކަމުގައިވެސް އެ ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް