ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެކަމަށް "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން އުފެދުނު "ދަ ޑިމޮކްރެޓްސް" ގެ ހަރުގެއަށް ރޭ ވަނީ ބަޔަކު ކަޅުތެޔޮ ޖަހާފައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައެވެ. އަދި އެ އަމަލު ހިންގާފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބައެކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅިގެން މީސް މީޑިއާގައި ޝިއްޕެވަނީ އެއީ ފިނޑި ޢަމަލެއް ކަމަށާއި ޑިމޮކްރެޓްސް ފަހަތަށް ނުޖެއްސޭނެ ކަމަށް ވިދާޅުވެފައެވެ.
"ކޮތަޅޭމެންގެ ކަޅުތެޔޮ ކޮތަޅަކުން ސިހޭނެ ކަމަށް ހީވީތޯ؟" ސިއްޕެ ވިދާޅުވެފަ ވެއެވެ. މިގޮތުން ސިއްޕެ ވަނީ އެއީ ފިނޑި ޢަމަލެއް ކަމަށާއި، އެކަމުން ޑިމޮކްރެޓިކުން ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވެފައެވެ.
ޓިފިޝަލް ބީޗުގެ ކުރިމައްޗަށް ވާ ގޮތަށް ހުންނަ ހ. ވެޔިވިލާ ގޭގައި ހަދާފައިވާ "ދަ ޑިމޮކްރެޓްސް" ގެ ޖަގަހަ އަކީ، އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ކުރިން ބޭނުންކުރި ތަނެކެވެ. އަދި އެ ގޭގެ ވެރިފަރާތާ އެކު ހަދާފައި ވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އައި ތަނެކެވެ.އެތަން ހުސްކުރަން ގޭގެ ވެރިފަރާތުން އެންގުމުން އެމްޑީޕީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެ ހަރުގެ އަތުލުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އަމުރަކަށް އެދިފައެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓު އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުން ބުނެފައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް