ރިޔާސަތަށް އަރަން އުޒުރުވެރިވާއިރު މުސާރަ ނަގަން އުޒުރުވެރިނުވޭ: ރޮޒޭނާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ހަވާލުވާން މަޖިލީހުގެ ރައީސް ޢުޒުވެރިވެ ވަޑައިގަންނަވާއިރު، މަޖިލީހުގެ ރައީސަށްދޭ މުސާރައާއި، އިނ...

13 Jun 2023 | 05:45

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ހަވާލުވާން މަޖިލީހުގެ ރައީސް ޢުޒުވެރިވެ ވަޑައިގަންނަވާއިރު، މަޖިލީހުގެ ރައީސަށްދޭ މުސާރައާއި، އިނާޔަތް ނަންގަވަން އުޒުރުވެރިވެ ވަޑައި ނުގަންނަވާކަމަށް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ ވަޑައިގެންނެވުމަށް ޢުޒުރުވެރިވެ ވަޑައިގެންނެވުމުން ޖަލްސާ ބޭއްވެން ނެތްކަމަށް ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތާއި ރައީސް ނަޝީދު ހަވާލުވާ އުޒުރުވެރިވެ ވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ނުރުހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަފައިވާއިރު މަޤާމުން އިސްތިއުފާ ނުދެއްވައި މަޤާމުގައި ބަގުޑި ބެއްދުމަކީ ލަދު ހުތުރު ކަމެއްކަމަށެވެ.

"އިތުބާރުނެތް ރައީސަކާއި ނައިބް ރައީއެއް މަޤާމުގަ ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކް ކޮށްފަ އިސްތިއުފާއެއް ނުދެއްވާ! އެކަމުގެ ރިޔާސަތަށް އަރަން އުޒުރުވެރިވޭ! މުސާރަ ނަގާކަށް، އިނާޔަތެއް ބޭނުން ކުރާކަށް އުޒުރުވެރިއެއް ނުވޭ!" ރޮޒޭ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވިއިރުވެސް، ރިޔާސަތުގައި ބޭފުޅަކު ނެތުމުން މަޖިލީހުގެ މެމްބަރުންނަށް ޖަލްސާ ނެތްކަން އެންގެވީ މަޖިލީހުގެ ޢަމީން ޢާންމު ފާތިމަތު ނިޔުޝާއެވެ. އަދި އަމީން އާންމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 205 ވަނަ މާއްދާގެ (ބ) ގައި ބަޔާން ވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ނުވަތަ ހުށަހަޅާ ޤަރާރެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްކަމަށެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރައްވައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިއްޔެ ސިޓީއަކުން ދަންނަވާފައިވާނެކަމަށެވެ.

އެހެންނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ޤަރާރާއިމެދު ވަކި ގޮތެއް ކަނޑައަޅުއްވާ ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ޤަރާރު އެޖެންޑާކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެ ވަޑައިގަންނަވާކަން ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް