ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދ...

13 Jun 2022 | 13:58

ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޯވިޑްގެ ކޭސްތައް އަނެއްކާ ވެސް ދަނީ އިތުރުވަމުން ކަމަށެވެ. އެޗްޕީއޭ އިން ބުނީ ސާމްޕަލް ޕޮޒިޓިވިޓީއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ތަފާށް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގައި އެކަނި ވެސް ކޯވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެކެވެ.

މެއި މަހުގެ ތެރޭގައި މުޅި ރާއްޖެއިން އެޑްމިޓްކުރީ އެންމެ 15 މީހުން ކަމަށް ވިޔަސް މިމަހުގެ މިހާތަނަށް 11 މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެެހެންވެ ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނީ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އެ އިދާރާއިން ވަނީ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަހެރިވެ ޓެސްޓު ކުރުމަށް އެދިފަ އެވެ. އަދި މާސްކު އަޅައި ކޯވިޑް ޖެހިއްޖެ ނަމަ ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ވެކްސިން ޑޯޒު ފުރިހަމަ ކުރުމަށް އެދެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޕޮސިޓީވިޓީ ރޭޓް ހުރީ ހަތަރު ޕަސެންޓުގައި އެވެ. އެކަމަކު މި މަހުގެ ފުރަތަމަ11 ދުވަހު އެ އަދަދު ވަނީ އަށް ޕަސެންޓަށް އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް