ޗައިނާ ލޯނުތަކަކީ ދަރަނީގެ މަޅިއެއް ނޫން: ފިނޭންސް މިނިސްޓަރ

ސަރުކާރުތަކުން ލޯނު ނަގާފައި ހުރީ ރާއްޖޭގެ  އެއްވެސް އެއްޗެއް "ވިއްކާލަން" ޖެހޭ ގޮތަށް "ދަރަނީގެ މަޅި" އެއްގެ ސިފައިގައި ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނ...

13 Jun 2022 | 11:55

ސަރުކާރުތަކުން ލޯނު ނަގާފައި ހުރީ ރާއްޖޭގެ  އެއްވެސް އެއްޗެއް "ވިއްކާލަން" ޖެހޭ ގޮތަށް "ދަރަނީގެ މަޅި" އެއްގެ ސިފައިގައި ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް މޯގޭޖު ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް އެކަން ކޮށްފައި ހުއްޓަސް ކުރީގެ ސަރުކާރުތަކުންވެސް ނަގާފައިވާ ހުރިހާ ލޯނަކީވެސް ރަހުނެއް ނެތި ނަގާފައިވާ ލޯނުު ކަމަށެވެ.

އެގޮތުން އަމީރު ވިދާޅުވީ ޗައިނާގެ ލޯނަކީ ދަރަނީގެ ދަންތުރައެއް ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަަކަތަކެއް ކަމަށެވެ.

ލޯނު ނަގާއިރު އަބަދުވެސް ބަލާފައިވަނީ ވީހާވެސް ކުޑަ އިންޓަރެސްޓެއްގައި ދަރަނި އަދާކުރެވޭނެ ގޮތަކަށް ލޯނު ނެގުމަށްކަމަށާއި  ރާއްޖެއަކީ ގަވާއިދުން، ދައްކަންޖެހޭ ތާރީހުތަކަށް ލޯނުތައް ދައްކަމުންދާ ގައުމެއްކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖެ އޮތީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރަމުން، ދަރަނި ބަރާބަރަށް ދެއްކޭ ހާލަތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް