ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި 7000 ރުފިޔާ ހަމަނުޖެއްސޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކްރަމް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވިނަރެސް ފްލެޓް ދޭން ނިންމާފައި އޮތީ މަހަކު 7000ރ. ދައްކާ ގޮތަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން އެ ކަމަށް އިޝާރާތް ކުރައްވާ އަކްރަމް ވިދާޅުވީ މުއިއްޒު ހައްދަވަނީ ދޮގެއް ކަމަށާއި 7000ރ. މަހު ކުއްޔަށް ދައްކާ ގޮތަށް ވިނަރެސް ފްލެޓްތައް ނުދެވޭނެ ކަމަށެވެ. އަދި ސަބަބެއްް ކަމުގައި އަކްރަމް ފާހަގަކުރެއްވީ ވިނަރެސް މަޝްރޫޢުގެ ޖުމްލަ އަގު ބޮޑުވުމެވެ.
އަދި ރައްޔިތުންނަށް އޮޅުވާލަން މުއިއްޒު ކުރާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށާއި ކަނޑައެޅިގެން ނުވާނެ ކަންކަމާ ބެހޭ ގޮތުން ގޯސް މައުލޫމާތު ދިނުންވެސް ހުއްޓާލަން ޖެހޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ވިނަރެސް ފްލެޓްތަކުގައި 15 ބުރިއާއި 10 ބުރީގެ ޓަވަރު ހިމެނޭހެން އިމާރާތް ކޮށްފައިވާއިރު ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ހިމެނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ.
ވިނަރެސް ފްލެޓް ޕްރޮޖެކްޓްގައި ހިމެނެނީ 902 އަކަފޫޓުގެ އެޕާޓްމަންޓްތަކާއި، 883 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މިއީ މުޅިންވެސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް