ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ދުވަހެއް ދުވަހަކަށް އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް، ތަކެތީގެ އަގުތައް ތިރިކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު އެވެ.
އެގޮތުން މި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ދިވެހިންގެ އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންކުރާ މުދަލުގެ އަގު ބޮޑުވެފައިވާ ކަމަށެވެ.
އަދި ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އަގުތައް މަތިވެ، ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއެކު، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށައް އުފުލެމުން ދާއިރު ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތް ކަަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ދެއްވުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައި ވަނީ ނުވަ މެންބަރުންނެވެ.
މީގެ އިތުރުން މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްވާފައި ވެއެވެ.
އެހެން ކަމުން މަޖިލީހުން މިއަދު ވަނީ މިމައްސަލަ ބޭރުކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް