މެއި 2ގެ މާރާމާރީ: ހޯދަން އިއުލާނުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށް...

13 Jun 2022 | 07:52

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މަޢުޞޫމް މުޙައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަޙްމަދު ސާތިޢު (21އ) ކަމަށެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އަޙްމަދު ސާތިޢު ހައްޔަރުކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މަޢުޞޫމް މުޙައްމަދު ދީދީ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިން ކަމަށެވެ.

އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ) ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު  (20އ) ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މަޢުޞޫމް މުޙައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަޙްމަދު ސާތިޢު (21އ) އިތުރުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި  ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މި މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މިއީ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް