ސްކޫލްތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރ. އުނގޫފާރުގައި ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވަނިކޮށެވެ.
މިނިސްޓަރު ވިދާޅުވީ އެ ވޯކްޝޮޕްގައި އެ ފަދަ ވާހަކައެއް ދެއްކިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެ ވޯކްޝޮޕްގައި ދެއްކި ވާހަކަތަކާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ސުވާލު ކުރެއްވީ މަވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންނަށް ނަމާދު ކުރެވޭނެ ގޮތް އޮންނަނީ ހަމަޖައްސާފައި ކަމަށެވެ. ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި އަދި އެކަމަށް ސްކޫލްތަކުން ބާރު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމަށެވެ. އަދި އިސްލާމް ދީނަށް ލޯބިކުރާ ހުނަރުވެރި ދަރިވަރުން އުފެއްދުމަކީ މައިގަނޑު އަސާސެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް