ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތައް މަޝްވަރާކޮށްފި

1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޝްވަރާކުރައްވައި...

13 Jun 2022 | 07:39

1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޝްވަރާކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޙައްޖު ކޯޕަރޭޝަނުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބައިވެރިވެޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ޙައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއަރޕޯޓާހަމައަށް ދިއުމުގައި ޢަމަލުކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރެވިފައިވެއެވެ.

އަދި ޙައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ޙައްޖުވެރިންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި، ޙައްޖުވެރިން އެއަރޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

އެގޮތުން ޙައްޖުވެރިންގެ އެހީތެރިން މި ދަތުރުތަކުގައި ބައިވެރިކުރާނެ ގޮތްތަކާމެދުވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

މީގެ އިތުރުން މިދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މި ހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހުގެ ރޭގަނޑުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް