އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ބަދަލު ކުރަން މަޖިލީހަށް ހުށަހަޅައިފި

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. މިހާރު އެމެރިކާގައި ހުންނަވާ ސަފީރަކީ މި ސަރުކ...

13 Jun 2022 | 06:27

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިހާރު އެމެރިކާގައި ހުންނަވާ ސަފީރަކީ މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރި ތިލްމީޒާ ހުސައިންއެވެ. އޭނާގެ ބަދަލުގައި ހަމަޖައްސަން ރުހުން ހޯދަން ހުށަހަޅާފައިވަނީ ކުރީގެ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދުގެ ނަމެވެ.

އަބްދުލް ގަފޫރު މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.

ގަފޫރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް ގަފޫރު ފުރުއްވި އެވެ.

އެމެރިކާ ސަފީރުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ހަސަން ސޯބިރު، ކޮރެއާގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް، ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ނެދަލެންޑްސްގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް ހަމަޖައްސަން ވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަންތަކަށް ރުހުން ދިނުމާ ގުޅޭ ކަންކަން ނިންމަން ހާރިޖީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް