މާލޭގެ ހަތަރު ސްކޫލެއް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. މާލޭ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހުޅުމާލޭގައި ހަތަރު ސްކޫލެއް އިމަރާތް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ތަންތަން ކަމަށާއި އެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުން މާލޭގެ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލު ކުރެވޭނެ ކަމަށެވެ.
އެ ސްކޫލްތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް އަދި ސީއެޗްއެސްއީ އެވެ. މީގެ ތެރެއިން ސީއެޗްއެސްސީ އެއް ދަންފަޅިއަށް ބަދަލު ކުރަނީ ހުޅުމާލޭގައި އަޅާ އެ ސްކޫލްގެ އާ އިމާރާތަށް އެއްބައި ކުދިން ބަދަލު ކުރުމަށް ފަހު އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ ވެރިކަން ކުރާ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތު ތަންފީޒުކުރަން މާލޭގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ސްކޫލުތަކުގައި އެކަށީގެންވާ ޖާގަ ނެތުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ޕްލޭނެއް މިނިސްޓްރީގައި އޮތް ނަމަވެސް އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ލިބި ޕްލޭން ތަންފީޒު ކުރަން ފެށޭނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި ކަމަށެވެ.
މިވަގުތު މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދެމުން ދަނީ އިއްޒުއްދީން ސްކޫލްގައި އެކަންޏެވެ. އެހެން ނަމަވެސް އަތޮޅު ތެރޭގެ ގިނަ ސްކޫލްތަކުގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް