އަމަލީ ހަޔާތުގައި އިސްލާމްދީނުުގެ ރުކުންތައް އަދާ ކުރުމަކީ ހަރުކަށިވުން ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރ. އުނގޫފާރުގައި ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ބުނެފައިވަނިކޮށެވެ. އެ ވޯކްޝޮޕުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވުމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ބައިވެރިވި އެވެ.
އެ ވާހަކަތަކާއި ގުޅިގެން ޑރ ޝަހީމް ފޭސްބުކްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމު ބައްޓަން ވެފައި އޮންނަންޖެހޭނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗައް ކަމަށެވެ.
އެހެން ކަމުން ސްކޫލްތަކުގައި ނަމާދު ކުރުމަށް ބާރު އެޅުން ފަދަ ކަންކަމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ހެޔޮ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ސްކޫލްތަކުގައި ދަރިވަރުން ނަމާދުކުރާ ކަމަށާއި އެއީ ހަރުކަށިކަމާ ގުޅުންހުރިކަމެއް ނޫން ކަމަށެވެ.
ނަމާދަކީ، ޝަހާދަތް ކިޔުމަށްފަހު ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުނެއްގެ އިތުރުން ވަގުތު ކަނޑައެޅިގެން ފަރުޟުކުރައްވާފައިވާ އަޅުކަމެއް ކަން ޑރ. ޝަހީމް ހަނދާން ކޮށްދެއްވި އެވެ. ވިދާޅުވީ ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް ކަމަށެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ ނަޒަރުން ބަލާއިރު ހަރުކަށިކަމަކީ ދީނުގެ ޞައްޙަ ތަޢުލީމާއި މަންހަޖުން ބޭރުވެގަތުން ކަމަށެވެ. އަދި ޢަމަލީ ޙަޔާތުގައި އިސްލާމްދީން ޕްރެކްޓިސްކުރުމަކީ ހަރުކަށިވުން ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް