އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސްވެރިން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގަ މުޒާހަރާ ކުރަމުންދާ މުސްލިމުންގެ ތެރެއަށް ބަޑި ޖަހައި އުމުރުން 14 އަހަރުގެ މުދައްސަރު މަރާލުމުން އެކަމާ ހިތާމަ ނުކުރާ ކަމަށް އޭނާ މަންމަ ބުނެފި އެވެ.
އިންޑިއާ ފުލުހުން އެ ކުއްޖާ މަރާލީ ޖަރްކާންދް ސްޓޭޓްގެ ރާންޗީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. މުދައްސަރު މަރުވީ ފުލުހުން އޭނާގެ ބޮލަށް ބަޑި ޖެހުމުން ރާޖެންދުރަ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
މި ހާދިސާ އާއި ގުޅިގެން އޭނާގެ މަންމަ ރޮމުން މީޑިއާގައި ބުނެފައިވަނީ އޭނާގެ ކުޑަދަރިފުޅު މަރުވީ އިސްލާމް ދީނަށްޓަކައި ކަމަށެވެ. އޭނާގެ ފުރާނަ ދުވައްލީ އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ދިފާއުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ބުންޏެވެ.
މުދައްސަރުގެ މަންމަ އެކަމާއި ފަހުރުވެރިވާ ކަމަށް ބުންޏެވެ. އަދި ދީނުގެ ދިފާއުގައި ދަރިފުޅު ދުނިޔެ ދޫކޮށް ދިއުމުން އެކަމާއި ހިތާމަ ނުކުރާނެ ކަމަށާއި ދަރިފުޅު މަރުވުމުން އޭގެ އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ބުންޏެވެ.
https://twitter.com/meerfaisal01/status/1535959763451641856
މުދައްސަރުގެ އިތުރުން ސަރުކާރާއި ދެކޮޅަށް އިންޑިއާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު އުމުރުން 19 އަހަރުގެ ސާހިލް އަންސާރީ ކިޔާ މީހަކު މަރާލި އެވެ. އޭނާ މަރާލީ ހުކުރު ނަމާދުން ނިމިގެން ގެއަށް ދިޔަ މަގުމަތީ، ފުލުހުން ޖެހި ވަޒަނެއް އޭނާގެ ބުރަކައްޓަށް އެރުމުގެ ސަބަބުންނެވެ.
އިންޑިއާ ސިފައިން ދަނީ ހަރުކަށި ހިންދޫންނާއި ގުޅިގެން އެކި ސިޓީތަކުގައި މުޒާހަރާ ކުރަމުންދާ މުސްލިމުންނަށް އަމާޒުކޮށް އާދަޔާ ހިލާފު ބާރުގެ ބޭނުންކޮށް އަނިޔާވެރިވަމުންނެވެ. އެގޮތުން ބަޑި ޖެހުމާއި ގާއުކުމާއި ލަޓިބުރިން ދަނީ މުސްލިމުންނަށް ހަމަލާދެމުންނެވެ.
އަދި މުސްލިމުންގެ ގެތައް ދަނީ ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާ ސުންނާފަތިކޮށް ބިމާއި ހަމަ ކުރަމުންނެވެ.
މި ކަމާއި ގުޅިގެން ބީޖޭޕީން ބުނީ އެއީ މުސްލިމުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ދޭ ހަދިޔާއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް