ބޮލީވުޑްގެ ބަތަލާ ޝަރައްދާ ކަޕޫރުގެ ބޭބެ ސިދާންތު ކަޕޫރު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި އެވެ.
ޝްރައްދާގެ ބޭބެގެ އިތުރުން އޭނާ އަކީ އެކްޓަރެއް އަދި ބޮލީވުޑްގެ އެސިސްޓެންޓު ޑައިރެކްޓަރެކެވެ. އުމުރުން 37 އަހަރުގެ ސިދާންތު ހައްޔަރު ކުރީ ބެންގަލޫރޫ ފުލުހުންނެވެ.
ސިދާންތު ހައްޔަރު ކުރީ ހޮޓަލެއްގައި ޕާޓީ ކުރަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ އާއި އެކު 35 މީހުން ހައްޔަރު ކުރި އެވެ. އެންމެންގެ ސާމްޕަލް ޓެސްޓު ކުރަން ފޮނުވިއިރު މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވަނީ ހަ މީހުންނެވެ.
އޭގެ ތެރޭގައި ސިދާންތު ހިމެނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމީހުން އެ ޕާޓީއަށް ދިޔައީ މަސްތުގެ ހާލަތުގައި ކަމެއް ނުވަތަ އެ ޕާޓީ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރީ ކަމެއް އަދި ސާފެއް ނުވެ އެވެ.
ބޭބެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ބޮލީވުޑްގެ ކުރީގެ ބަތަލް އަދި އަމިއްލައަށް މަރުވި ސުޝާންތް ސިންގް ރާޖްޕުޓުގެ މަރުގެ މައްސަލައިގަ ސުވާލު ކުރި މީހުންގެ ތެރޭގައި ޝްރައްދާ ހިމެނެ އެވެ. އޭނާ އާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ސުވާލު ކުރީ ސުޝާންތާއި އެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް