ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭ: މެޑަމް ފަޒްނާ

"މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާ ގުޅޭ ގޮތުން ބޭއްވި ވެބިނަރގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ. މި ވެބިނާގެ ޕޮލ...

13 Jun 2021 | 18:47

"މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާ ގުޅޭ ގޮތުން ބޭއްވި ވެބިނަރގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ވެބިނާގެ ޕޮލިސީ ލެވެލްގެ ބޭފުޅުން ހިމެނޭ ޕެނަލް ޑިޝްކަޝަންގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕިއުބަޓީއާ ބެހޭގޮތުން ކުދިން ހޭލުންތެރިކުރުވުމުގެ މައިގަނޑު ސަބަބުތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭކަމާއި އަދި މިއީ އުފަންވެނި ޞިއްޙަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދަނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ މެންސްޓްރުއޭޝަން އަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާދޭން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމަޢެއްގެ މާޙައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާކަމުގައެވެ. ހަމަ އެހެންމެ ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށާއި، އަދި މުޅި މުޖުތަމަޢަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިންކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާ ލެއްވިއެވެ.

އަދި، މިފަދަ ކަންކަމަށް ވަކާލާތުކޮށް އުޞޫލުތައް ކަޑައަޅާއިރު އެކި ކަންކަމަށް ބޭނުން ކުރާނެ އެކަށިގެންވާ ދިވެހި ބަސް ހުންނަންޖެހޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންއާއި، ޒީރޯ ވޭސްޓު މޯލްޑިވްސް ގުޅިގެން ޔުނައިޓްޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގެ އެއްބާރުލުމާއިއެކު ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށްގެންދިޔަ މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި، ޞިއްޙީ ދާއިރާ ތަމްޞީލުކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

"މެންސްޓްރުއަލް ހެލްތު ޑޭ" ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް