އުމުރުން 107 އަހަރުގައި ކޯވިޑް ޖެހުނު ދިވެހި އަންހެނަކު ބަލިން ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ކޯވިޑް ބަލިން ރަނގަޅުވެފައިވަނީ ލ. އިސްދޫއަށް ނިސްބަތްވާ ހައްވާ މުހައްމަދެވެ. އެއީ އެ ރަށު މީހެއްކަން އިސްދޫ ސިއްހީ މަރުކަޒުން މީޑިއާގައި ކަށަވަރުކޮށްދީފައިވެ އެވެ.
ހައްވާ ކޯވިޑަށް ޕޮސިޓިވްވީ މިދިޔަ މަހު ފަހުކޮޅު އެވެ. ފުރަތަމަ ހޯމް ކަރަންޓީންގައި ހުރުމަށް ފަހު އެ ރަށު ސިއްހީ މަރުކައިގައި ދެ ދުވަސް ފަހުން އެޑްމިޓް ކުރީ ނޭވާލާން އުނދަގުވާން ފެށުމުން ކަމަށެވެ އެވެ،
އަދި އޭގެ ފަހުން ހާލު އިތުރަށް ގޯސް ވާން ފެށުމުން ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް އެ އަތޮޅު ގަމަށް ބަދަލު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާ ކޯވިޑުން އެއްކޮށް ރަނގަޅުވެގެން އެތަނުން ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު އެވެ.
މިހާރު ހައްވާއަށް ބަރާބަރަށް ނޭވާލެވި، ކެއުމާއި ވާހަކަ ދެއްކުމުގައި އެެއްވެސް އުނދަގުލެއް ނެތެވެ. ހައްވާ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބެލެވެ އެވެ.
އިސްދޫގެ ކޯވިޑްގެ ހާލަތަށް ބަލާއިރު އެ ރަށުގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދީ 88 ކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް