ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ އިމާރާތް (ހ.ސަންލީޓް، ބޮޑުތަކުރުފާނުމަގު، މާލެ) ފުރިހަމަ ހިދުމަތްތަކާއިއަކު އަލުން ހުޅުވަން ނިންމައިފި އެވެ.
އެސްބީއައިއިން މިއަދު ބުނީ އަލުން އެ ބޭންކުގެ ރާއްޖޭގެ މައި ބްރާންޗު ހުޅުވުމަށް ހަމަޖެހިފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކައް ފަސޭހަވާނެހެން ބޭންކިންގެ ހިދުމަތްތައް ޑިޒައިން ކުރެވިގެން ކަމަށެވެ. އެސްބީއައި ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
އެތަނުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، ދެ ވަނަ ފަންގިފިލާއިން އާރުޓީޖީއެސް އަދި ކްލިއަރިންގެ ހިދުމަތްހިމެނެ އެވެ. ނަމަވެސް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނީ ވަގުތީގޮތުން މިހާރުވެސް ހަމަޖެހިފައިވާ ގޮތަށް (ހ.އަދަ ، މާލެ) އިން ކަމަށް އެ ބޭންކުން ބުނެއެވެ.
އަދި ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތާއި އެކު އެސްބީއައިގެ ހުރިހާ ހިދުމަތް މިމަހުގެ20 ވަނަ ދުވަހުން ފެށިގެން ބޭންކް އިމާރާތް (ހ.ސަންލީޓް، ބޮޑުތަކުރުފާނުމަގު، މާލެ) އިން ލިބޭނެއެވެ.
ބޭންކް މި ހަފްތާގައި ހުޅުވިފައި ހުންނާނީ އެމްއެމްއޭގެ އެންގުމާއި އެއްގޮތަށް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
މިދަނޑިވަޅުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް އެ ބޭންކުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ބޭންކުގެ މައި ބްރާންޗު ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލީ މިދިޔަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އެސްބީއައި ހިންގާ ހ. ސަންލީޓްް އިމާރާތާއި ޖެހިގެން ހުރި ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތަށް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ. އެ ހާދިސާގައި އެސްބީއައި ހިންގާ ފަންގިފިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެހެންވެ ބޭންކުގެ މައި ބްރާންޗުން ދެމުންއައި ގިނަ ހިދުމަތްތައް ވަގުތީ ގޮތުން ދެމުން ދިޔައީ ހުޅުމާލޭ އެސްބީއައި ބްރާންޗުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް