މާލެއިން ކުޅުދުއްފުއްޓަށް ދާ ހުރިހާ އުޅަނދެއްގެ ފަޅުވެރިން ކޯވިޑަށް ޓެސްޓު ކުރަން ފަށައިފި

މާލެއިން ހދ. ކުޅުދުއްފުށި ސިޓީއަށްދާ ހުރިހާ އުޅަނދު ފަހަރެއްގެ ފަޅުވެރިން ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ހިންގާ އެ ސިޓީގެ ޓާކްސް ފޯސް އި...

13 Jun 2021 | 08:36

މާލެއިން ހދ. ކުޅުދުއްފުށި ސިޓީއަށްދާ ހުރިހާ އުޅަނދު ފަހަރެއްގެ ފަޅުވެރިން ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ހިންގާ އެ ސިޓީގެ ޓާކްސް ފޯސް އިން އެގޮތަށް ނިންމީ ރަށުތެރެއަށް ބަލި ފެތުރުން ކޮންްޓްރޯލްް ކުރުމުގެ ގޮތުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލެއާ އެ ސިޓީ އާއި ދެމެދު ދަތުރު ކުރާ އުޅަނދެއްގެ ފަޅުވެރިއަކު ކޯވިޑަށް ޕޮސިޓިވްވެފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންް ބުނީ އެ އުސޫލަށް އިއްޔެ އަމަލު ކުރަން ފެށުމަށް ފަހު އެންމެ ފުރަތަމަ ޓެސްޓު ކުރީ ބަހާދަރު ބޯޓު ކުޅުދުއްފުޓަށް ދިއުމުން އޭގެ ފަޅުވެރިން ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ޕޮސިޓިވްވެފައިވާ ކަމަށް މައުލޫމާތުދެ އެވެ.

ހޮސްޕިޓަލުން ޕޮސިޓިވްވި މީހުންނާއި ބޯޓު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ކޯވިޑަށް ޕޮސިޓިވްވި ލޯންޗުގެ ފަޅުވެރިއާ އާއި ޑައިރެކްޓު ކޮންޓެކްޓުވި ބަޔަކު ޕޮސިޓިވްވެ އެ ކްލަސްޓާ އާއި ގުޅުންހުރި ޕޮސިޓިވް ކޭސްތަކުގެ އަދަދު ވަނީ ހަޔަކަށް އަރާފައި އެވެ. އެ އެންމެންވެސް ޕޮސިޓިވް ކަން އެނގިފައިވަނީ އިއްޔެ އެވެ.

އިއްޔެ އެ ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރި 263 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 12 ސާމްޕަލެވެ. އަނެއް ދެ ސާމްޕަލަކީ އެ އަތޮޅު މަކުނުދޫއިން ނެގި ދެ ސާމްޕަލެކެވެ.

ކުޅުދުއްފުށި ސިޓީ މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް