ކޯވީޑް-19 ފެތުރުން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކާއެކު، އައްޑޫގެ ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުންނަށް ދަތިތަކެއް ހުރުމުން، ހަފްތާއަކު ދެދުވަހު ގުޅިފައިވާ ރައްތަކަށް ފެރީ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެ ގޮތުން، އައްޑޫގެ ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުންނަށް ދަތިތަކެއް ހުރުމާއެކު، ހަފްތާއަކު ދެދުވަހު ގުޅިފައިވާ ރައްތަކަށް ފެރީ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައްޑޫ އީއޯސީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެގޮތަށް ދަތުރު ކުރެވޭނީ ޒަރޫރީ ހާލަތުގައި އެސްއެސްޑީ ހުއްދަ ލިބިގެން ކަން އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން، ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ވަގުތު ހަވީރު 6:00 ޖެހުމާއި ހަމައަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ކާފިއު ގަޑީގައި، މަސައްކަތްކުރާ ސައިޓުން އެހެން ތަނަކަށް ދެވޭނީ ކޮންސްޓްރަކްޝަން ކުންފުނީގެ ހުއްދަ ދެވިފައިވާ ވެހިކަލެއްގައި ނުވަތަ ހަމަޖައްސައި އިންތިޒާމެއްގެ ދަށުންކަމަށް އައްޑޫ އީއޯސީން ބުނެއެވެ.
މީގެ އިތުރުން ޑެލިވަރީ އަދި ޓޭކްއަވޭ ގަޑި ވިޔަފާރިވެރިންގެ ޕެޓިޝަނަކާއެކު އިތުރު ކޮށްދީފައިވާކަން އައްޑޫ އީއޯސީން ފާހަގަކުރެއެވެ. މީގެ ކުރިން އައްޑޫގައި ޑެލިވަރީ ކުރެވެނީ ރޭގަނޑު 8:00 ޖެހުމާއި ހަމައަށް ނަމަވެސް މިހާރު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ކުރެވޭނެ ކަމަށް އައްޑޫ އީއޯސީން ބުނެއެވެ.
އައްޑޫގައި މިވަގުތު ޖަމާޢަތުގައި ނަމާދު މެދުކަނޑާލުމުގެ އިތުރުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް