ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް މިއަދު ކުރި ހުކުމާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން މިރޭ ހިންގަން ރާވާފައިވާ ހަރަކާތްތައް ކެންސަލް ކޮށްފި އެވެ.
ޖުމްހޫރީ ޕާޓީން ކުރިން ހަމަޖައްސާފައި އޮތީ އެ ޕާޓީގެ މުހިންމު ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވާށެވެ. އަދި އެމްޑީޕީން ވަނީ މިރޭ އެ ޕާޓީގެ ރިޔާސީ ކެމްޕެއިން "ޖަޒީރާ ރާއްޖެ" ރަސްމީކޮށް ފެށުމަށް ނިންމާފައި އެވެ.
އެމްޑީޕީން މިރޭ ބުނީ ރައީސް މައުމޫނާއި ފަނޑިޔާރުންނަށް ކުރި ހުކުމާ ގުޅިގެން، އެ ހިތާމައިގައި ބައިވެރިވުމަށް، ކެމްޕޭން ލޯންޗުކުރުން މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް ބުންޏެވެ.
ޖޭޕީގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރި ސަބަބު ހާމަނުކޮށް ބުނެފައިވަނީ މާދަމާއަށް އެ އިވެންޓު ފަސްކުރެވިފައިވާ ކަމަށެވެ.
ރައީސް މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެ ހުކުމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް