48 ގައުމާއެކު ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ހުށަހެޅި ބިޑް ކާމިޔާބު ވެއްޖެއެވެ. ދެން ބިޑް ހުށަހެޅި މޮރޮކޯގެ މައްޗަށް މި ތިން ގައުމު ކުރިހޯދިއިރު، 2026 ވަނަ އަހަރުގ...

13 Jun 2018 | 12:31

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ހުށަހެޅި ބިޑް ކާމިޔާބު ވެއްޖެއެވެ.

ދެން ބިޑް ހުށަހެޅި މޮރޮކޯގެ މައްޗަށް މި ތިން ގައުމު ކުރިހޯދިއިރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 3 ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށެވެ. އަދި 48 ގައުމާއެކު ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރު ކަމުގައި ވެސްމެއެވެ. މިހާރު ވޯލްޑް ކަޕް ބާއްވަމުން އަންނަނީ 32 ގައުމަށް ފުރުސަތު ދޭގޮތަށެވެ.

މިއަދު ކުރިއަށް ދިޔަ ފީފާގެ ކޮންގްރެސްގައި ނޯތު އެމެރިކާއަށް ނިސްބަތްވާ 3 ގައުމު ގުޅިގެން ވޯލްޑް ކަޕް ބޭއްވުމަށް ހުށަހެޅި ބިޑަށް 134 ވޯޓް ލިބުނުއިރު، މޮރޮކޯ އިން ހުށަހެޅި ބިޑަށް ލިބުނީ 65 ވޯޓެވެ.

2002 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދެ ގައުމަކުން ގުޅިގެން ވޯލްޑް ކަޕް ބޭއްވި ފަހުން، އެއް ގައުމަށްވުރެ ގިނަ ގައުމުގައި ވޯލްޑް ކަޕް ބާއްވަން ނިންމާފައިވާއިރު، ހޯސްޓް ކުރާ ގައުމުތަކުގެ ހައިސިއްޔަތުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ވެސް އޮޓޮމެޓިކުން ކޮލިފައިވާނެއެވެ.

މި 3 ގައުމުގެ ތެރެއިން އެމެރިކާގައި މީގެ ކުރިން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވިއެވެ. އަދި 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ވަނީ މެކްސިކޯގައި ބާއްވާފައެވެ.

އެމެރިކާ އާއި ކެނެޑާ ވެސް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ނާކާމިޔާބު ވެފައިވާއިރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ލިބުމަކީ އެ ދެ ގައުމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ. އަނެއްކޮޅުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވެވިއްޖެނަމަ، 2026 ވަނަ ވެގެންދާނީ ކެނެޑާ ވޯލްޑް ކަޕްގައި ވާދަކުރާ 2 ވަނަ ފަހަރަށެވެ.

ފީފާއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ނިންމިއިރު، ބޮޑަށް ބެލެވެނީ ވަޞީލަތާއި، ޚިދުމަތްތަކުގެ ގޮތުން މިއީ އެންމެ ރަނގަޅު ނިންމުންކަމަށެވެ. ސަބަބަކީ މޮރޮކޯގެ ބިޑް އިވެލުއޭޓް ކުރުމަށް ފަހު ފީފާއިން "ހައި ރިސްކު" ބިޑެއް ކަމަށް ނިންމާފައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް