މައުމޫނާއި ދެ ފަނޑިޔާރުންނަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. މި ހުކުމް ކުރީ ދައުލަތުނ...

13 Jun 2018 | 11:22

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމް ކުރީ ދައުލަތުން އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެވެ. އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކުރުމަށްފަހު ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ދީފައިނުވާތީއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާގައި އެދިފައި ނެތް ކަމަށް ވިޔަސް، އެ ތިން ބޭފުޅުންނަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކުރި ކަމަށް ކަނޑައަޅާފައި އެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހައްޔަރު ކުރި ރޭ ތިން ބޭފުޅުންވެސް ފޯނު ގެންގުޅުނުކަން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފޯނުގައި އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދައުވާ އާއި ގުޅިގެން ދިފާއުގައި މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދު ހުށަހެޅުއްވި ހެކިން ބަލައި ނުގަންނަން ކޯޓުން ކުރިން ނިންމި އެވެ. އެކަމާ ގުޅޭގޮތުން މިއަދު ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމީ ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބެލުމަށް ފަހު ކަމަށެވެ.

ފޯނު ނުދިން މައްސަލާގައި މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އައިއިރު، އެ ބޭފުޅުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އަދި ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރިން އޮތީ އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ.

މި ހުކުމްތައް އިސްތިއުނާފު ކުރައްވާނެ ކަމަށް އެ ތިން ބޭފުޅުންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް