ވޯލްޑް ކަޕް ފެށެން 1 ދުވަހަށް ވެފައިވަނިކޮށް ސްޕެއިންގެ ކޯޗު މަގާމުން ވަކިކޮށްފި

ފީފާ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް، ސްޕެއިން އިން އެ ޓީމުގެ ކޯޗު ހޫލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕެއިން އިން މި ނި...

13 Jun 2018 | 11:04

ފީފާ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް، ސްޕެއިން އިން އެ ޓީމުގެ ކޯޗު ހޫލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕެއިން އިން މި ނިންމުން ހާމަކޮށްފައި މިވަނީ ވޯލްޑް ކަޕަށް ފަހު ސްޕެއިންގެ ކޯޗުގެ މަގާމު ދޫކޮށް، ރެއާލް މެޑްރިޑާ ހަވާލުވާން ލޮޕެޓެގީ އިއްޔެ ނިންމާފައިވަނިކޮށެވެ. ބެލެވޭ ގޮތުގައި މިހާ ކުއްލި ގޮތަކަށް ލޮޕެޓެގީ މަގާމުން ވަކި މި ކުރީ ވެސް، ވޯލްޑް ކަޕް ފެށެން ވެފައިވަނިކޮށް، ވާދަވެރި ބާސެލޯނާ އާއި ރެއާލްގެ ގިނަ ކުޅުންތެރިންގެ މައްޗަށް ބިނާވާ ސްޕެއިންގެ ކޯޗުގެ މަގާމުގައި ހުރެ، ރެއާލްއާ ހަވާލުވާން ހަމަޖެހިފައިވާކަން މާ ކުރިން އިޢުލާނު ކުރުމުންނެވެ.

" ގައުމީ ކޯޗު މަގާމުން ވަކިކުރަން އަހަރެމެން ނިންމައިފިން. މިހާ ހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އޮތީ އޭނާ (ލޮޕެޓެގީ) ގެ. އެހެންކަމުން އަހަރެމެން އޭނާއަށް ޝުކުރު އަދާކޮށް އަދި މުސްތަގުބަލުގައި ކާމިޔާބަށް އެދެން." ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ލުއިސް އިތުރަށް ބުނީ ރެއާލް އިން އެންމެ ރަނގަޅު ކޯޗަކަށް ބަލާނެ ކަމަށާއި، އެއީ މައްސަލައެއް ނޫންކަމަށެވެ. އަދި ރެއާލް އިން ޢަމަލުކުރި ގޮތާމެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، މޮޅުވުމާއި، މޮޅު ކޯޗެއް ހުރުމަށްވުރެ ވެސް މުހިންމީ ރަނގަޅު ދަނޑިވަޅުގައި ރަނގަޅު ފިޔަވަޅު އެޅުންކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވެގެން ދާނެކަމަށެވެ.

ލޮޕެޓެގީ ސްޕެއިންގެ ކޯޗުގެ މަގާމުން ވަކިކުރިއިރު، އޭނާ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ. 6 މެޗުން އެއްވަރުވިއިރު، 14 މެޗުން ވަނީ މޮޅުވެފައެވެ.

ލޮޕެޓެގީއާއެކު ސްޕެއިން އިން 2020 ވަނަ އަހަރުގެ ޔޫރޯގައި ވެސް މަސައްކަތް ކުރާގޮތަށް ކޮންޓްރެކްޓް 2 އަހަރަށް މިދިޔަ މަހުގެ ތެރޭގައި އާކޮށްފައިވަނިކޮށް، ރެއާލްއާ ހަވާލުވާނެކަން އިއުލާނު ކުރުމުން އޭނާ މަގާމުން ވަކިކުރިއިރު، ސްޕެއިން އިން ވޯލްޑްކަޕްގައި ފުރަތަމަ ކުޅޭ މެޗު މި މަހުގެ 16 ވަނަ ދުވަހު ރޭގައި އޮންނާނެއެވެ. އެރޭ ރާއްޖެ ގަޑިން 23:00 ގައި ސްޕެއިން ޕޯޗުގަލްއާ ދެކޮޅަށް ކުޅެން ޖެހޭއިރު، ސްޕެއިންއިން އައު ކޯޗެއް ހަމަޖެހުނު ކަމަކަށް އަދި ނުބުނެއެވެ. ސްޕެއިން އެފްއޭގެ ރައީސް ބުނެފައިވަނީ މީހަކު މަގާމަށް ހަމަޖެހުނުހާ އަވަހަކަށް އެކަން އިއުލާނު ކުރާނެކަމަށެވެ.

ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބަލާ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، ވޯލްޑް ކަޕް ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް މި ނިންމި ނިންމުމުގެ އަސަރު އެ ޓީމަށް ކުރާނެކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް